ޚަބަރު

މޭޔަރުކަމަށް ވާދަކުރަން ހުށަހެޅި 5 ކެންޑިޑަސީވެސް ބަލައިގެންފި


  • މޭޔަރު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގައި 5 ބޭފުޅަކު ވާދަކުރޭ

  • މީގެތެރޭގައި 3 ޕާޓީއެއްގެ ކެންޑިޑޭޓުންނާއި، އަމިއްލަ 2 ކެންޑިޑޭޓުން ހިމެނޭ

  • އިންތިޚާބު އޮންނަނީ އަންނަމަހުގެ 15 ވަނަ ދުވަހު

އަންނަމަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލޭގެ މޭޔަރު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރުމަށް ފޯމް ހުށަހަޅާފައިވަނީ 5 ބޭފުޅުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ މޭޔަރު އިންތިޚާބު ކުރުމަށް، ބާއްވާ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ. ބައި އިލެކްޝަންގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގެ ސުންގަޑި މިއަދު މެންދުރު 2:00 އަށް ވަނީ ބަންދުވެފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢިލް ޙަބީބް ވިދާޅުވީ މޭޔަރު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު ފޯމު ހުށައަޅާފައިވަނީ 5 ބޭފުޅުންކަމަށާއި، އެ ހުރިހާ ބޭފުޅުންގެވެސް ކެންޑިޑަސީ ބަލައިގެންފައިވާކަމަށެވެ.

"އަޅުގަނޑުމެންނަށް މޭޔަރުކަމަށް 5 ފަރާތަކުން އެޕްލިކޭޝަން ލިބި، އެ އެޕްލިކޭޝަންތަކަކީ ޞައްޙަ އެޕްލިކޭޝަންތަކެއް ކަމަށް ކޮމިޝަނުން ކަނޑައަޅާފައި އޮތީ." ޙަބީބް ވިދާޅުވިއެވެ.

ބައި އިލެކްޝަންގައި ވާދަކުރުމަށް 5 ބޭފުޅަކު ފޯމް ހުށަހެޅުއްވި ނަމަވެސް، އެ ބޭފުޅުންގެ ނަންތަކެއް އިލެކްޝަންސް ކޮމިޝަނުން ހާމައެއް ނުކުރައްވައެވެ. ނަމަވެސް ސިޔާސީ ޕާޓީތަކުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް، ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލް މެމްބަރު ސައިފް ފާތިހު ވަނީ މޭޔަރުކަމަށް ވާދަކުރުމަށް ފޯމް ހުށަހަޅާފައެވެ. މީގެއިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދާއި އެމްޑީޕީއާއި އެމްޑީއޭގައި ހަރަކާތްތެެރިވި ޝުއައިބު އަލީވެސް ވަނީ އަމިއްލަގޮތުން މޭޔަރުކަމަށް ވާދަކުރުމަށް ފޯމް ހުށަހަޅާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހަބީބް ވިދާޅުވީ މޭޔަރުކަމަށް ވާދަކުރުމަށް ފޯމް ހުށަހެޅުއްވި ބޭފުޅުންގެ ކެންޑިޑަސީ ރަސްމީކޮށް އިޢުލާނުކޮށް، ކެންޑިޑޭޓް ނަންބަރު ތަރުތީބުކުރުމަށް ބާއްވާ ގުރުއަތުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

މާލޭ މޭޔަރުގެ މަޤާމު ހުސްވީ، އެ މަޤާމުގައި ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާއި ގުޅިގެންނެވެ. މޭޔަރުގެ މަޤާމުގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ 3 ގޮނޑިއެއް ހުސްވިއެވެ. އެ ގޮނޑިތަކަށް ކައުންސިލަރުން އައްޔަންކުރަން ބާއްވާ ބައި އިލެކްޝަންވެސް އޮންނަނީ އަންނަމަހުގެ 13 ވަނަ ދުވަހުއެވެ.