ޔޫއެފާ ނޭޝަންސް ލީގު އޭގެ ގްރޫޕް 3 ގައި ރޭ އިންގްލެންޑް އާއި ދެކޮޅަށް ސްޕެއިން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން އިންގްލެންޑް ބަލިވެއްޖެއެވެ.
ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި 84 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ދުނިޔޭގެ ޗެމްޕިއަން ސްޕެއިން އާއި ދެކޮޅަށް އިންގްލެންޑް ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ.
ވާދަވެރި ކުޅުމެއް ފެނިގެންގޮސްފައިވާ މި މެޗުގެ 2 ވަނަ މިނިޓުގައި ސްޕެއިން އިން ވަނީ ލީޑު ނަގާ ކުރި ހޯދާފައެވެ. މި ލަނޑަކީ އިންގްލެންޑްގެ މާކް ގުއޭހީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ލަމީން ޔަމާލް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ސްޕެއިން އިން ލަނޑު ޖަހާ ލީޑު ނެގުމާއިއެކު އިންގްލެންޑްއިން ވަނީ އެ ޓީމުގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 36 ވަނަ މިނިޓުގައި ބާސެލޯނާއަށް ކުޅެމުންދާ އެންތޮނީ ގޯޑަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނިޓަށް ވެފައިވަނިކޮށް އިންގެލްނޑްގެ ހެރީ ކޭން ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި އެ ޓީމަށް ލީޑު ނަގައިދީފައެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް ޕެނަލްޓީ އޭރިޔާ ތެރެއިން ޖޫޑް ބެލިންހަމްއަށް ފައުލް ކުރުމާއި ގުޅިގެން ރެފްރީ ވަނީ އިންގެލްންޑްއަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ހެރީ ކޭން ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.
ސްޕެއިން އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެލެކްސް ބައޭނާ މެޗުގެ 60 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުން ސްޕެއިން މޮޅުކޮށްދިން ލަނޑަކީ މެޗުގެ 74 ވަނަ މިނިޓުގައި އެލެކްސް ބައޭނާ ދިން ޕާހަކުން މިކޭލް އޮޔަރްޒަބާލް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ދުނިޔޭގެ ޗެމްޕިއަން ސްޕެއިން އިން މި މެޗުން މޮޅުވުމާއިއެކު އެ ޓީމުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ވަނީ 39 މެޗަށް ދިގުދެމިގެން ގޮސްފައެވެ.