ޚަބަރު

އަދީބާއި ޒިޔަތު އަދި ހާމިދު ދަޢުވާއަށް އިންކާރުކޮށްފި


ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބާއި އެމް.އެމް.ޕީ.އާރު.ސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ޙާމިދު އިސްމާޢީލްގެ މައްޗަށް އުފުއްލަވާފައިވާ ޚިޔާނާތުގެ ދަޢުވާއާގުޅޭ ލިޔުންތައް ލިބިވަޑައިނުގަންނަވަނީސް ޖަވާބުދެއްވެން ނެތްކަމަށް އެބޭފުޅުން ވިދާޅުވެއްޖެއެވެ.

މި މައްސަލާގައި މިއަދު ބޭއްވެވި އަޑުއެހުމަށް އެއްވެސް ނޫސްވެރިޔަކު ވައްދަވާފައެއް ނުވެއެވެ. މިއަދުގެ އަޑުއެހުމަށް ތާވަލް ކުރައްވާފައިވަނީ ދައުލަތުގެ ދަޢުވާއަށް ޖަވާބުދާރީވުމަށެވެ.

އެހެންނަމަވެސް މައްސަލައާގުޅޭ ލިޔެކިޔުންތައް ލިބިވަޑައިގެންފައި ނުވާތީ ތިން ބޭފުޅުންވެސް ދަޢުވާއަށް ޖަވާބުދާރީވެވަޑައިގެންފައެއް ނުވެއެވެ.

މައްސަލަ ބައްލަވާ ޤާޒީ ވިދާޅުވީ ދަޢުވާލިބޭ އަޙުމަދު އަދީބާއި އަބްދުﷲ ޒިޔަތާއި ޙާމިދު އިސްމާޢީލްގެ ޙައްޤެއް ގެއްލޭގޮތަށް ޝަރީޢަތް ކުރިޔަށް ނުގެންދަވާނެކަމަށެވެ. އެހެންކަމުން މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ލިޔުންތައް ލިބުމުން ޖަވާބުދާރީވުމަށް ފުރުޞަތު ދެއްވުމަށެވެ.

މި މައްސަލާގައި މިއަދު ބޭއްވެވި އަޑުއެހުމުގައި ދައުލަތުން އުފުއްލެވި ދަޢުވާއަށް ތިންބޭފުޅުންވެސް ވަނީ އިންކާރުކުރައްވާފައެވެ.

އަޙުމަދު އަދީބާއި ޢަބްދުﷲ ޒިޔަތާއި ޙާމިދު އިސްމާޢިލާ ދެކޮޅަށް ދައުލަތުން ދަޢުވާ އުފުއްލަވާފައިވަނީ ޅ.މާބިންހުރާ ކުއްޔަށް ދިނުމަށްފަހު އެރަށުން ލިބުނު ފަސް މިލިޔަން ޑޮލަރަށް ޚިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތުގައެވެ.