ޚަބަރު

ޢަމާޒަކީ ޒުވާނުންނަކީ ހުނަރުވެރި އަދި ފުދުންތެރި ބަޔަކަށް ހެދުން: މަޙްފޫޒް


  • ޒުވާނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާކަމަށް

  • ޒުވާނުން ކުރިއަށްދާނެ ދާއިރާއެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދޭ

  • މަޤްސަދަކީ މުސްތަޤުބަލުގައި ޒުވާނުންނަކީ ފުދުންތެރި ބަޔަކަށް ހެދުން

ސަރުކާރުގެ ޢަމާޒަކީ ފުދުންތެރި އަދި ހުނަރުވެރި ބަޔަކަށް ޒުވާނުން ހެދުންކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރުގެ ނައިބު އުސްތާޛް ޢަބްދުﷲ މަޙްޒޫމް މާޖިދު ވިދާޅުވެއްޖެއެވެ. ނައިބު ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ވަޒީފާގެ ފުރުސަތުތަކާ އަދި ތަފާތު ދާއިރާތަކުން ކުރިއަށް ދެވެންހުރި ރޮނގުތަކާ ބެހޭގޮތުން ޒުވާނުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވި "ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމް" ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ޕްރޮގްރާމަކީ ޒުވާނުން ވަޒީފާގެ މާހައުލާ މެދު ހޭލުންތެރިކުރުމަށް، މުއައްސަސާތަކާއި ރިސޯޓު އަދި ތަފާތުއެކި ކުންފުނިތައް ގުޅިގެން ޒުވާނުންނާ ބެހޭ ވުޒާރާއާއި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ނިންމުން ފާހަގަކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރުގެ ނައިބު އުސްތާޛް ޢަބްދުﷲ މަޙްޒޫމް މާޖިދު ވިދާޅުވީ ޒުވާނުންނަށް ޚާއްސަކޮށް ވަކި ވުޒާރާއެއް ސަރުކާރުން އުފެއްދުމަކީ ޒުވަނުންގެ ކުރިއެރުމަށް ސަރުކާރުން އިސްކަންދޭކަން ދައްކުވައިދޭ ކަމެއްކަމަށެވެ. މަޙްފޫޒް ވިދާޅުވީ މި ޕްރޮގްރާމްގެ އިތުރުންވެސް ޒުވާނުން ބާރުވެރިކޮށް، ޒުވާނުންނަށް ބޭނުންވާ ކަންކަން ދެނެގަނެއް އެކިފުރުޞަތުތައް ފަހިކުރުމަށް ކުރިއަށް އޮތްތާނގައި އިތުރު ހަރަކާތްތަކެއް ހިންގުމަށް ނިންމަވާފައިވާކަމަށެވެ.

"ސަރުކާރުގެ ފޯކަސް އޮތީ ޒުވާން ކުދިންގެ މުސްތަގުބަލުގައި ފުދުންތެރި ޒުވާނުންތަކެއް ގޮތުގައި އުފާވެރި އުޖާލާ ދިރިއުޅުމެއް އުޅެވޭނެ މަގެއްފަހިކޮށްދިނުން. އެއީ އަޅުގަނޑުމެން ދެކޭގޮތުގައި ޔޫތު މިނިސްޓްރީން އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން މިހާރު ކުރަމުން އަންނަ މަސައްކަތް." ޒުވަނުންނާބެހޭ ވަޒީރުގެ ނައިބު ވިދާޅުވިއެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ސީނިއަރ ޔޫތު އޮފިސަރ އައިމިނަތު ނާޒިމާ ވިދާޅުވީ މި ޕްރޮގްރާމްގެ އެންމެ މުހިންމު އެއް މަޤްސަދަކީ ވަޒީފާގެ މާހައުލަށް ޒުވާނުން ނިކުންނައިރު އެމީހުން ކުރިއަށްދާނެ ވަކިދާއިރާއެއް ނޭނގި ހުންނާތީ ، އެމީހުން ޝައުގުވެރިވާފަދަ ދާއިރާތައް ދެނެގަތުމުގެ ފުރުސަތު އެ ޒުވާނުންނަށް ހޯދައިދިނުންކަމަށެވެ. ނާޒިމާ ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން ޒުވަނުންނަށް ފުލުހުންގެ ޚިދުމަތުގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ތަފްސީލުކޮށް އެނގިގެން ގޮސްފައިވާ ކަމަށެވެ.

"ޕްރޮގްރާމްގެ ތެރެއިން ދޫނިދޫއަށާއި، ވިލިމާލޭގައި ހުންނަ އެސްއޯއަށް ޒިޔާރަތްކޮށް އެތަންތަނުގެ އެކި ޑިޕާޓްމަންޓުތަކުގައި މަސައްކަތްކުރާ ގޮތް ކުދިންނަށް ކިޔައިދެވުން. ކުދިންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ. މީގެ ކުރިން ހިންގި ޕްރޮގްރާމްތަކުގެ ތެރެއިން ކުދިން ޒިޔާރަތްކުރާ މުއައްސަސާތަކުންނާއި ކުންފުނިތަކުން ކުދިންނަށް ވަޒީފާ އަދާކުރުމުގެ ފުރުސަތުވެސް ލިބިފައިވޭ." ސީނިއަރ ޔޫތު އޮފިސަރ އައިމިނަތު ނާޒިމާ ވިދާޅުވިއެވެ.

ނާޒިމާ ވިދާޅުވީ މަސައްކަތުގެ ދާއިރާއަށް ޒުވާނުން ނިކުންނައިރު މަސައްކަތުގެ މާހައުލުގައި ކަންކަން ކުރިއަށްދާގޮތް ކުދިންނަށް އަންގައިދިނުމަށް މި ޕްރޮގްރާމުން އެހީތެރިވެދޭ ކަމަށެވެ.

މި މަހު 19 އިން 21 އަށް ކުރިއަށް ގެންދިޔަ ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެކި ޑިޕާޓްމަންޓުތަކުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމުގެ ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ފުލުހުންގެ ޚިދުމަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން ކުރިއަށް ދެވިދާނެ ދާއިރާތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، އެކި ޑިޕާޓްމަންޓުން ކުރަމުންގެންދާ މަސައްކަތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ ތަޖުރިބާ ކުރުމުގެ ފުރުސަތު ޕްރޮގްރާމްގެ ތެރެއިން ފަހިކޮށްދީފައިވެއެވެ.