ރިޕޯޓް

އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ މަސައްކަތް މިރޭ ރަސްމީކޮށް ފަށަނީ


އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުމަށް ހިންގަވާ 800 މިލިޔަން ޑޮލަރުގެ ބޮޑު މަޝްރޫޢުގެ މައިގަނޑު އެއްބައިގެ މަސައްކަތް ރަސްމީގޮތުން މިރޭ ފަށްޓަވާނެއެވެ.

މިކަމުގެ ޚާއްޞަ ރަސްމިއްޔާތު ބޭއްވެވުމަށް ހަމަޖެހިފައިވަނީ މިރޭ ދަރުބާރުގޭގައެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި ދޮރޯށިކަމަށްވާ އިބްރާހީމް ނާޞިރު އިންޓަރނޭޝަން އެއަރޕޯޓް ތަރައްޤީކުރެއްވުމަކީ، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށްޓަކައި ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތްކަމަށް ސަރުކާރާއި ރާއްޖޭގެ އިޤްތިޞާދީ ބައިވެރިން ޤަބޫލުކުރައްވައެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި އެހެން ވިޔަފާރިތައް ފުޅާކުރުމަށާއި ވައިގެ ދަތުރުފަތުރުން ރާއްޖޭގެ އިޤްތިޞާދަށް ލިބޭ މަންފާ އިތުރުކުރުމަށް ކުރަންޖެހިފައިވާ އެންމެ މުހިންމު ކަމަކީވެސް އިބްރާހީމް ނާޞިރު އިންޓަރނޭޝަން އެއަރޕޯޓް ތަރައްޤީކުރުމެވެ.

އެއަރޕޯޓް ތަރައްޤީކުރެއްވުމަކީ ސަރުކާރުން މިހާރު އެންމެ އިސްކަންދެއްވާ އެއް މަޝްރޫޢެވެ. މި މަޝްރޫޢަށް ބޭނުންވާ ހުރިހާ ކަންކަމެއް ސަރުކާރުގެ އެންމެ މަތީ ފެންވަރުގައި ގެންދަވަނީ ފަހިކޮށްދެއްވަމުންނެވެ. މިކަމަށް ބޭނުންވާ މާލީ ފަހިކަންވެސް ވަނީ ހަމަޖައްސަވައިފައެވެ. އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ މަޝްރޫޢުގައި ހިމެނެނީ، މައިގަނޑު 2 ބައެކެވެ. އެއްބަޔަކީ، އެއަރޕޯޓްގައި ޖާގަ ތަނަވަސް، ޒަމާނީ ފެންވަރުގެ ޓާރމިނަލް ބިނާކުރައްވައި، ފުރިހަމަ ކުރެއްވުމެވެ. އަނެއް ބަޔަކީ، ރަންވޭ ތަރައްޤީކުރެއްވުމުގެ ބައެވެ. މި 2 ބަޔަށް ޖުމްލަ 800 މިލިޔަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ކަނޑައަޅުއްވައި އެ ފައިސާ މިހާރު ވަނީ ހަމަޖެހިފައެވެ.

މި މައިގަނޑު 2 ބައިގެ ތެރެއިން ފުރަތަމަ ފަށްޓަވަނީ ރަންވޭ ތަރައްޤީކުރެއްވުމުގެ ބައެވެ. މިބައިގައި މިހާރު އޮތް ރަންވޭގެ އިތުރަށް މުޅިން އައު ރަންވޭއެއް އެޅުން ހިމެނެއެވެ. މިއީ، ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރުގެ ރަންވޭއެކެވެ. މި ރަންވޭ ހައްދަވަނީ، ދުނިޔޭގައި ބޭނުންކުރެވޭ އެންމެ ބޮޑެތި މަތިންދާބޯޓްކަމުގައިވާ އޭ ތްރީ އެއިޓީގެ ބޯޓްފަހަރަށް ޖެއްސޭ ފެންވަރަށެވެ. މި ރަންވޭ ހަދައި މިހާރު އެއަރޕޯޓްގައި އޮތް ރަންވޭ ޓެކްސީވޭއަކަށް ބަދަލުކުރުމުން، މިހާރު އެއަރޕޯޓަށް ބޯޓްފަހަރު ޖައްސަން ޖާގަ ނުލިބުމާއި ފުލައިޓް ޑީލޭވުމުގެ މައްސަލައާއި އަދި ޕާކްކުރާނެ ޖާގަނެތުމުގެ މައްސަލަ މުޅިން ޙައްލުވެގެންދާނެކަމަށް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ ޢާދިމް މޫސާ ވިދާޅުވިއެވެ. އެއީ ކޮންމެ ބޯޑެއްވެސް އެއަރޕޯޓަށް ޖެއްސުމާއެކު ޓެކްސީވޭއަށް ބަދަލުވުމުން މައި ރަންވޭ ހުސްވެ، އެހެން ބޯޓްފަހުރު ޖައްސާށާއި ފުރުމަށް ޖާގަތަނަވަސްވެގެންދާނެތީއެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ތަރައްޤީގެ މައިގަނޑު 2 ބައިގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ މަސައްކަތުގައި ހިމެނިގެން ރަންވޭގެ އިތުރަށް ދެން ކުރެވޭ އެންމެ މައިގަނޑު އެއް މަސައްކަތަކީ، އެއަރޕޯޓްގެ ފިއުލްފާރމް ތަރައްޤީކުރުމެވެ. މި މަސައްކަތުގެ ދަށުން މިހާރު ހުރި މިންވަރަށްވުރެ ތިންގުނަ އިތުރު ޢަދަދަކަށް ތެޔޮ ރައްކާކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. އަދި މިހާރު މަތިންބޯޓަށް ތެޔޮއެޅުމަށް ތެޔޮވެހިކަލެއް ރަންވޭމައްޗަށް ގެންގޮސް މެނުއަލްކޮށް ކުރެވޭ މަސައްކަތްތައް ހުއްޓާލެވި، އަލަށް ޤާއިމްކުރެވޭ ހައިޑްރަން ސިސްޓަމްގެ ތެރެއިން، ހަމައެކަނި މަތިންދާބޯޓް ކައިރިން ހޮޅިއެއް ގުޅާލައިގެން ތެޔޮއެޅޭނެ އިންތިޒާމް ހަމަޖެހޭނެކަމަށް އެއއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ ޢާދިމް މޫސާ ވިދާޅުވިއެވެ. މިއީ ކުރިޔަށް އޮތް 20 އަހަރުދުވަހުގެ މުއްދަތަށް ބަލާއިރުވެސް ދަތިކަމެއް ނެތި ޚިދުމަތްދެވޭވަރަށް ޤާއިމްކުރެވޭ ފިއުލް ފާރމެކެވެ.

މީގެ އިތުރަށް ފުރަތަމަ ފިޔަވަހީގެ ދަށުން ޒަމާނީ ކާގޯ ކޮމްޕްލެކްސްއެއް އެޅުއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ޒަމާނީ ކާގޯ ކޮމްޕްލެކްސް ނިމުމުން މަތިންދާބޯޓްތަކުން ބާލާ އަދި އަރުވާ ކާގޯގެ ކަންކަންވެސް އެންމެ ޒަމާނީ ފެންވަރަށް އަވަސް ދުވެލީގައި ކުރިޔަށް ގެންދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރަށް އެންމެ މިޒަމާނުގެ ނިޔަމިކަމުގެ ވަޞީލަތްތައް އެއަރޕޯޓްގައި ޤާއިމްކުރުންވެސް މި ފިޔަވަހީގައި ހިމެނޭއެވެ. މި ފިޔަވަހީގެ މަސައްކަތްތަކަށް ބޭނުންވާ ސާމާނު ރާއްޖެއަށް ގެނައުމުގެ މަސައްކަތްވެސް މިހާރު ވަނީ ފެށިފައެވެ. އެއަރޕޯޓް ތަރައްޤީކުރުމުގެ މި ފިޔަވަހީގައި، މަޝްރޫޢުގެ ބައެއް ބައިތަކަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތްވެސް ހިމެނެއެވެ. ބިންހިއްކުމުގެ މަސައްކަތް މިހާރު ކުރިޔަށް އެބަގެންދެއެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތެއް، އައު ރަންވޭއާވެސް އެކު، 2018 ގައި ނިންމުމަށް ވަނީ ކަނޑައެޅިފައެވެ. މި މަސައްކަތް ޙަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕާއެވެ. އަދި މި ހިނގާ 2016 ވަނަ އަހަރުގެ ތެރޭގައި މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެ ފިޔަވަހީގެ ދަށުން ކުރެވޭނެ އެންމެ ބޮޑު މަސައްކަތަކީ އެންމެ ޒަމާނީ އިންތިޒާމްތައް ހަމަޖެހިފައިވާ ރަނގަޅު ފެންވަރުގެ، ތަނަވަސް ޓާރމިނަލް ބިންޑިންގ އެއް ޤާއިމްކުރެއްވުމެވެ.