ޚަބަރު

ފައިޞަލްގެ ފުރަތަމަ ދަތުރުފުޅު ހައްދުންމައްޗަށް، ހޯއްދެވީ ލޯކަލް ޓޫރިޒަމް ފައްކާކުރާނެ މަގުތައް!


  • ހައްދުންމަތީގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި

  • މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ލޯކަލް ޓޫރިޒަމްގެ ކުރިއެރުމަށް

  • ކައުންސިލްތަކަށް މިކަމުގައި ހުރި ދަތިތައް ހައްލުކޮށްދޭނެކަމަށް

  • ބަރެސްދޫ މަޝްރޫޢުވެސް ބައްލަވާލެއްވި

ހައްދުންމަތީގައި ލޯކަލް ޓޫރިޒމް ފުޅާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށާއި، ވީހާވެސް އަވަހަށް ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ކުރެވޭނެ ކަންކަން ދެނެގަނެފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުިވީ، ހައްދުންމަތީގެ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅުގެ މައިގަނޑު މަޤްސަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު ފަދައިން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ގާތުން އަޑުއައްސެވުންކަމަށެވެ. އެގޮތުންލ.އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި ބައްދަލުކޮށް މުހިންމު މަޝްވަރާތަކެއް ކުރެއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ކައުންސިލަތަކާއި ބައްދަލުކޮށް މަޝްވަރާކުރެއްވި އެންމެ މުހިންމު އެއްކަމަކީ ރަށްރަށުގައި ލޯކަލް ޓޫރިޒަމް ކުރިއަރުވައި ޑައިވަރސިފައި ނުވަތަ ސިންދަފާތު ކުރުމަށް ކުރިއަށް ދެވޭނެ ގޮތްތަކާއި ގުޅޭގޮތުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކައުންސިލްތަކަށް އެކަމުގައި ހުރި ދަތިތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ބައެއް ކައުންސިލްތަކުގައި ލޭންޑް ޔޫސް ޕްލޭން ހެދުމާއި މިކަމުގައި އެބަހުރި މާލީ ގޮތުން ކުރިއަށް ގެންދިއުމުގައި ދަތިތަކެއް. އެހެންވެ އަޅުގަނޑުމެން ކައުންސިލްތަކާއި މަޝްވަރާކޮށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ކޮބާތޯ އެކައުންސިލްތަކަށް އެކަން އަވަސްކޮށް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމުގައި ކޮށްދެވޭނެ މަސައްކަތްތަކީ ކޮބައިކަމާމެދު މަޝްވަރާކުރެވުނު." ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ޓޫރިޒަމް ކުރިއެރުވުމަށް ކައުންސިލްތަކުގައި ހުރި ދަތިތައްވެސް ވަރަށް ބޮޑަށް އެނގިވަޑައިގެންނެވިކަމަށެވެ. އަދި އެ ދަތިތައް ޙައްލުކޮށް އެ ދާއިރާފުޅާކުރުމަށް އިސްކަންދެއްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ހައްދުންމަތި އޮތީ ވަރަށް ބޮޑަށް ތައްޔާރަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ކައުންސިލްތަކާއި މަޝްވަރާކޮށް ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދިއުމުގައި ހުރި ފުރުސަތުތަކާއި އަވަހަށް މަސައްކަތް ފަށައިގަނެވޭނެ ގޮތްތަކާއި ބެހޭހޮތުން ވާހަކަ ދެކެވުނުކަމަށް ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މިދަތުރުފުޅުގައި ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ހުސައިން ޒުހުރީވެސް ބައިވެރިވެވަޑައިގަތެވެ. އޭނާ ވިދާޅުވީ ފެނަކައިން ދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށެވެ.


"ކަންބޮޑުވުންތަކާއި ހުއްޓިފައި ހުރި ޕްރޮޖެޓްގެ ވާހަކަ އެބޭފުޅުން ހިއްސާކުރި. އެބޭފުޅުންގެ އެކްސްޕެކްޓޭޝަންތައް މިހާރު އަޅުގަނޑުމެނަށް އެނގިއްޖެ. މި ދަތުރަކީ ވަރަށް މުހިންމު ދަތުރެއް. އިރާދަކުރެއްވިއްޔާ ޚިދުމަތް ދިނުމުގައި ފުރިހަމަ ކަމެއް ލިބިގެންދާނެ ކުރިއަށް އޮތްތަނުގައި ފެނަކައިގެ ފަރާތުން." ފެނަކަ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ހުސައިން ޒުހުރީ ވިދާޅުވިއެވެ.

ލ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުތަކުގައި ކައުންސިލްތަކާއެކު މަޝްވަރާކުރެވުނު ކަންކަމުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ފެށުމަށް މަސައްކަތްކުރާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ވަޒީރުގެ މިދަތުރުފުޅުގައި މޯލްޑިވްސް އިންޓްގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު ޙައްވާ ޝިއުނާ ޚާލިދުވެސް ބައިވެރިވެވަޑައިގަތެވެ. ވަޒީރު އަދި އެމްއައިޓީޑީސީގެ އެމްޑީ ވަނީ އެމްއައިޓީޑީސީން ހައްދުންމަތީގައި ހިންގާ ބަރެސްދޫ މަޝްރޫޢު ކުރިއަށްދާގޮތްވެސް ބައްލަވާލައްވާފައެވެ. ނަމަވެސް އިތުރު ތަފްސީލު ނުދެއްވައެވެ.

ބަރެސްދޫ ތަރައްޤީކުރަނީ ރިސޯޓްތަކުން ފެށިގެން ބީޗް ހޮޓާފަދަ ތަފާތު ހޮސްޕިޓާލިޓީގެ ޚިދުމަތްތައް ލިބިގެންދާނެ ފަދަ މޮޑަލަކަށެވެ.