ޚަބަރު

"ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް" ނަމުގައި ބޯޑެއް އުފައްދަވަން ނިންމަވައިފި


  • ބޯޑުގެ މެންބަރުންނަށް އެތުލީޓުންނާއި ޔުނިވަރސިޓީ އަދި ސާނަވީ ސުކޫލުތައް

  • ބޯޑުގެ ނިންމުންތަކަށް ކެބިނެޓުގައި މަޝްވަރާކުރެވޭނެ

  • ރައީސް ބައިވެރިވެވަޑައިގަންނަވާ ބޭރުގެ ބައްދަލުވުންތަކުގައި ބޯޑު މެންބަރުން ބައިވެރިކުރާނެ

ޤައުމީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، މަޝްވަރާއާއި ނިންމުންތައް ނިންމާއިރު ޒުވާނުން ދެކޭގޮތް ހާމަކުރެވޭނެ ގޮތް ފަހިކުރުމުގެ ގޮތުން "ޕްރެޑިޑެންޝަލް ޔޫތު އެޑްވައިޒަރސް" ނަމުގައި ބޯޑެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މިގޮތަށް ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، މި ނިންމެވުމުގެ މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު އަމާޒެއް ކަމަށްވާ ޒުވާނުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ޒުވާނުންނަށް މަސައްކަތުގެ ދާއިރާގައި ފުރުޞަތުތައް ފަހިކޮށްދީ ޒުވާނުން ބާރުވެރިކުރުވުމެވެ.

މި ބޯޑުގެ މެންބަރުންނަށް ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ބައެއް އެތުލީޓުންނާއި، ޤައުމީ ޔުނިވަރސިޓީ އަދި ސާނަވީ ސުކޫލުތަކުގެ ދަރިވަރުން ހިމެނުމަށް ވަނީ ނިންމަވާފައެވެ. ބޯޑުގެ މެންބަރުންގެ ގޮތުގައި ހިމެނުމަށް ހަމަޖެހިފައިވަނީ 18 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނުންނެވެ. މި ބޯޑާއެކު ޤައުމީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކޮށް ޤައުމީ ފެންވަރުގައި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރަށް ހަރުދަނާވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ޕްރެޑިޑެންޝަލް ޔޫތު އެޑްވައިޒަރސް ބޯޑުން ނިންމާ ނިންމުންތަކާ ގުޅޭގޮތުން ކެބިނެޓް ލެވެލްގައި މަޝްވަރާކުރެވޭނެ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ އިންޓަރނޭޝަނަލް ބައްދަލުވުންތަކުގައި ބޯޑުގެ މެންބަރުން ބައިވެރިކުރުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.