ޚަބަރު

ވިލިމާލޭގައި ކުރަމުންދާ ފައިބަރ މަސައްކަތަށް ތިލަފުށިން ސަރަޙައްދެއް ދޫކުރަނީ


  • މިއީ ވިލިމާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ލިބިގެންދާނެ ހައްލެއް

  • ތެޔޮ ބާޖުތަކަށް ގުޅިފަޅާ ތިލަފުއްޓާއި ދެމެދުން ސަރަހައްދެއް

  • ނީލަން ފިހާރަތަކަށް އެކަށީގެންވާ ސަރަހައްދެއް ކަނޑައަޅަނީ

ވިލިމާލޭގައި ކުރަމުންދާ ފައިބަރ މަސައްކަތަށް ތިލަފުށިން ސަރަޙައްދެއް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް މާލެ ސިޓީ ކައުންސިލާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އެކްޓިންގ މޭޔަރ އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ލޯކަލް ގަވަންމަންޓު އޮތޯރިޓީ، އެލް.ޖީ.އޭއާއި މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެސިޓީ ގެ އެކްޓިންގ މޭޔަރ އަޙްމަދު ނަރީޝް ވިދާޅުވީ، ވިލިމާލޭގައި ކުރަމުންދާ ފައިބަރ މަސައްކަތްތައް ތިލަފުއްޓަށް ބަދަލު ކުރެވުމާއެކު، އެރަށުގެ ރައްޔިތުންނަށް ދިމާވަމުންދާ ގޮންޖެހުންތަކާއި ސިއްޙީ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

"ވިލިމާލޭގައި ފައިބަރ މަސައްކަތްތައް ކުރަމުންދާތީ ރައްޔިތުންނަށް އެތަކެއް އުނދަގޫތަކެއް ކުރިމަތިވޭ. ފައިބަރ މަސައްކަތްކުރާއިރު އަރާ ކުނޑީގެ ސަބަބުން ރައްޔިތުންނަށް ސިއްހީ މައްސަލަތައް ކުރިމަތިވޭ. ސަރުކާރުން މި ނިންމި ނިންމުމުގެ ސަބަބުން ފައިބަރ މަސައްކަތުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ." އަހްމަދު ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ މި މަސައްކަތްކުރަމުން ދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް ކަމަށެވެ. އެގޮތުން ތެޔޮ ބާޖުތައް ނެގުމުގެ މަސައްކަތްވެސް ކުރުމަށް ނިންމާފައިވާކަމަށް ނަރީޝް ވިދާޅުވިއެވެ.

އެކަމަށް ހައްލެއް ހޯދުމަށްޓަކައި ގުޅިފަޅާއި ތިލަފުށި ސަރަހައްދުން ތެޔޮ ބާޖުތައް ބޭއްވުމަށް ވަކި ސަރަޙައްދެއް ކަނޑައެޅުމަށް ނިންމާފައިވާކަން ނަރީޝް ފާހަގަކުރެއްވިއެވެ.

ނަރީޝް ވިދާޅުވީ، ފައިބަރ މަސައްކަތް ތިލަފުއްޓަށް ބަދަލުކުރުމާއި ތެޔޮ ބާޖުތައް އެހެން ސަރަޙައްދަކަށް ބަދަލުކުރުމުގެ މަސައްކަތަކީ އެޗް.ޑީ.ސީގެ އެހީތެރިކަމާއެކު ކުރުމަށް ނިންމާފައިވާ 2 މަސައްކަތެއް ކަމަށެވެ. މި ނިންމުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް ނަރީޝް ވިދާޅުވިއެވެ.