ޚަބަރު

ކައުންސިލްތަކަށް އުމްރާނީ ތަރައްޤީ ބޭނުންވެފައިވާ މިންވަރު ބޮޑު: އާދަމް ޝަރީފް


  • ކައުންސިލް މުވައްޒަފުންގެ ތަމްރީންތައް އިތުރަށް ކުރިއަށް ގެންދަން ޖެހޭކަމަށް

  • ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދާއިރު ބައެއް ކަންކަމަށް ސަމާލުކަން ދިނުމަށް

  • މާލޭގެ ނީލަން ފިހާރަތަކަށް ސަރަހައްދެއް ކަނޑައަޅާ ދޫކުރުމަށް ނިންމާފައިވާކަމަށް

ކައުންސިލްތައް އުމްރާނީ ތަރައްޤީއަށް ބޭނުންވެފައިވާ މިންވަރުގެ ބޮޑުކަން ފާހަގަކުރެވިއްޖެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއާއި މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކުފުޅުދައްކަމުން ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކަށް އެ ވުޒާރާއިން ކުރެއްވި ޒިޔާރަތުގައި ރަށްތަކުގެ ކައުންސިލްތަކާއި ބައްދަލުކޮށް ކައުންސިލްތަކުގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރިކަމަށެވެ.

ކައުންސިލްތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ޤާބިލްކަން އިތުރުކުރުމަށާއި ތަމްރީންތައް އިތުރުކުރުމަށްޓަކައި އެފަދަ ޕްރޮގްރާމްތައް ހިންގެވުމަށް ކައުންސިލްތަކުން އެދޭކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ އިތުރުން އޮންލައިން އަދި ފޭސްޓު-ފޭސް ޕްރޮގްރާމްތަކަށްވެސް ވަރަށް ބޮޑު އިސްކަމެއްދީގެން ހިންގަންޖެހޭކަމަށް ކައުންސިލްތަކުން ހިއްސާކުރި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކަންކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އެގޮތުން އިސްލާމީ ޔުނިވަރސިޓީން ތަޢާރަފްކުރި އައު 2 މާސްޓަރ ލެވެލް ކޯސަތަކަކީ އަތޮޅު ކައުންސިލްތަކާއި ރަަށްރަށުގެ ކައުންސިލްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް މުހިންމު ކޯސްތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކައުންސިލްތަކުގައި މަސައްކަތްކުރާ ފަރާތްތަކުން މި ކޯސްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ވަޒީރު އެދިވަޑައިގަތެވެ.

އޭގެ އިތުރުން ލޯކަލް ޓޫރިޒަމް ރަށްރަށުގައި ހިންގުމާއި ގުޅޭގޮތުން ކައުންސިލްތަކާއެކު މަޝްވަރާކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ލޯކަލް ޓޫރިޒަމް ހިންގާ ރަށްރަށުގައި ބައެއް ގޮންޖެހުންތައް ހުރިކަމަށެވެ.

އޭގެ ތެރޭގައި ރަށަށް އަންނަ ފަތުރުވެރިންނަކީ ދިވެހިން ގެންގުޅޭ ވައްޓަފާޅިއާއި ތަފާތުކޮށް އުޅޭ ބަޔަކަށްވުމުން ގެއްލުންތައް ކުރިމަތިވާ ފަހަރުތައް އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ލޯކަލް ޓޫރިޒަމް ހިންގަމުންދާއިރު، ޓޫރިސްޓުންނަށް އާދެވޭ ގޮތަށް ނުވަތަ ގެސްޓް ހައުސްތައް ހުންނަ ރަށްރަށުގައި އެ ޚިދުމަތް ލިބެން ހުންނަ ތަންތަނުގައި، އެމީހުންގެ އުޅުމާއި ވައްޓަފާޅި އަކީ އަޅުގަނޑުމެންގެ ދިވެހި މުޖުތަމައާ ފުށުއަރާ ވައްޓަފާޅިއަކަށްވާތީ ޓޫރިޒަން މިނިސްޓްރީން އަދި ރާއްޖޭގައި ހެދިފައިވާ ގަވާއިދާއި އެއްގޮތަށް އެކަންކަން ކުރަންޖެހޭނީ. މިކަމުން ލިބޭނެ ގެއްއްލުމެއް ކުޑަކުރުމަށް ކައުންސިލްތަކުން ޖެހޭ އެބަ މަސައްކަތްކުރަން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މާލޭގެ އެކަށީގެންވާ ރަނގަޅު ހިސާބެއްގައި ނީލަން ފިހާރަތައް ހިންގާނެ ތަނެއް ކަނޑައެޅިގެންދާނެކަމަށެވެ. އެގޮތުން ޖެނުއަރީ މަސްފެށޭއިރު އެކަންކަމަށް ސްލޮޓުތައް ކަނޑައެޅި އެތަންތަން ދޫކުރާނެ ގޮތުގެ އުޞޫލުތަކާއި ޤަވާޢިދުތައް އިޢުލާން ކުރެވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.