ޚަބަރު

ޓީ-ބިލް ވިއްކަން ހުޅުވާލައިފި


  • ވިއްކަން ހުޅުވާލާފައި ޓީބިލްގެ ޖުމްލަ އަގު 2.9 ބިލިއަން ރުފިޔާއަށް އަރާ

  • އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދު

  • ޓީ ބިލަކީ ބަޖެޓްގެ ޑެފިސިޓް ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެއް

ސަރުކާރުގެ ހަރަދުތައް ހަމަޖައްސުމަށް ޓްރެޜަރީ ބިލް (ޓީބިލް) ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ވިއްކަން ހުޅުވާލާފައިވަނީ 27 ދުވަހުން އަނބުރާ ދައްކަން ޖެހޭ 1.8 ބިލިޔަން ރުފިޔާގެ ޓީ-ބިލަކާއި، 103 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 165 މިލިއަން ރުފިޔާގެ ޓީ-ބިލެއްގެ އިތުރުން 181 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 119 މިލިއަން ރުފިޔާގެ ޓީ-ބިލެކެވެ. އަދި 363 ދުވަހުން އަނބުރާ ދެއްކުމަށް 829 މިލިއަން ރުފިޔާގެ ޓީ-ބިލެކެވެ. މީގެ ޖުމްލަ އަދަދު، 2.9 ބިލިއަން ރުފިޔާއަށް އަރައެވެ.

ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގައެވެ.

ޓީ-ބިލަކީ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ވިއްކާ ދައުލަތުގެ ދަރަންޏެކެވެ. ޓީ-ބިލް ވިއްކަނީ އޭގެ އަސްލު އަގަށްވުރެ ހެޔޮކޮށް، އަދި ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، އޭގެ ފައިސާ އަނބުރާ ދައުލަތުން އެފަރާތަކަށް އޭގެ އަސްލު އަގު އަދާކުރާގޮތަށެވެ. މީގެ ސަބަބުން ޓީ-ބިލަށް އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާ ލިބެއެވެ.

ރާއްޖޭގައި މިހާރު ޓީ-ބިލްގައި އިންވެސްޓްކުރަނީ ބޭންކްތަކާއި ޕަބްލިކް ކުންފުނިތަކާއި ޕެންޝަން އޮފީހުގެ އިތުރުން އަމިއްލަ ކުންފުނިތަކުންނެވެ.