މި ފެށޭ އަހަރުން ފެށިގެން ބެއާބޯޓްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭނީ 3 ކެޓަގަރީއެއްގެ ބޯޓުކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ކަނޑައަޅުއްވައިފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން މިގޮތަށް ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގައި ބެއާބޯޓް ރަޖިސްޓްރީކުރުމުގެ ޤަވައިދަށް ގެނައި 2 އިސްލާހަކާއި، ރާއްޖޭގެ އިމްޕޯޓް އެލްސްޕޯޓް ޤާނޫނަށް ގެނައި 17 ވަނަ އިސްލާޙާއެކު މިމަހުގެ 31 ގެ ފަހުން ބެއާބޯޓު ރަޖިސްޓަރީކުރުން ހުއްޓާލަން ހުރި ކަންބޮޑުވުންތަކަށް ރިޢާއަތްކޮށް ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގެ ޤަވައިދާށް 3 ވަނަ އިސްލާޙް ގެނައުމުގެ ޤަވައިދު މި މިމަހުގެ 28 ވަނަ ދުވަހު ޢަމަލުކުރަން ފެށުމާ ގުޅިގެންނެވެ.
މިއާއެކު މިމަހުގެ 31 ގެ ފަހުން ބެއާބޯޓެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭނީ ސަރުކާރުން ހިންގާ މަޝްރޫއުތަކުގައި ބޭނުން ކުރާ ރާއްޖެއިން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރާއި، ހައި އެންޑް ލަގުޒަރީ ކެޓަގަރީގެ އުޅަނދުފަހަރުތައްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި ޕްލެޝަރ ކްރާފްޓްގެ ގޮތުގައި ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރުގެ ތެރެއިން 13.7 މީޓަރުން ދިގު އުޅަނދުފަހަރުވެސް ރަޖިސްޓްރީކޮށްދޭނެކަމަށްވެސް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެ ވުޒާރާއިން ވިދާޅުވީ ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުފަހަރުގެ ތެރެއިން ލަގްޒަރީ އުޅަނދެއްނަމަ އެ އުޅަނދަކީ އިންޓަނޭޝަނަލް އެސޯސޮއޭޝަން އޮފް ކްލެސިފިކޭޝަން ސޮސައިޓީސްގެ މެންބަރު، ކްލެސިފިކޭޝަން ސޮސައިޓީއަކުން ކުލާސްކޮށް ބަނދެފައިވާ އަދި އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ކްލެސިިފިކޭޝަން ސޮސައިޓީސްގެ މެންބަރު ކުލާހުގައި ދެމިއޮތް އުޅަނދެއްކަން އަންގައިދިނުމަށް ދޫކޮށްފައިވާ ކުލާސް ސެޓުފިކެޓް އޮތް އުޅަނދަކަށް ވާންޖެެހެނެކަމަށެވެ.
މީގެ އިތުރުން ޕްލެޝަރ ކްރާފްޓުގެ ގޮތުގައި ބޭރުޤައުމެއްގައި ރަޖިސްޓްރީކޮށްފައިވާ 13.7 މީޓަރުން ދިގު އުޅަނދުފަހަރު، ބެއާބޯޓެއްގެ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްދޭނީ އެ އުޅަނދުފަހަރަށް އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ކްލެސިފިކޭޝަން ސޮސައިޓީސްގެ ކްލެސިފިކޭޝަން ސޮސައިޓީއަކުން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ކުލާސް ސެޓުފިކެޓް ނުވަތަ ޔޫރިޕިއަން ޔޫނިއަނުން ކަނޑައަޅާ ފަރާތަކުން ދޫކޮށްފައިވާ ސެޓްފިކެޓް އޮފް އެގްޒެމިނޭޝަން އޮތް އުޅަނދުފަހަރަކަށެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދިވެހި ސަރުކާރުން ހިންގާ މަޝްރޫޢުތަކުގައި ބޭނުން ކުރާ ރާއްޖެއިންބޭރުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރު ބެއާބޯޓެއްގެ ގޮތުގައި ރާއްޖޭގައި ރަޖިސްޓްރީ ކުރާނަމަ ސުންރޭޓް ޓެރިފުގައި ރާއްޖެ އެތެރެކުރުމަށް ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އެ ވުޒާރާއަށް ހުށައަޅަންޖެހޭނެކަމަށެވެ.
މި 3 ކެޓަގަރީގެ ތެރެއިން ކޮންމެ އުޅަނދެއްވެސް ބެއާބޯޓެއްގެ ގޮތުގައި ރާއްޖޭގައި ރަޖިސްޓަރީ ކޮށްދޭނީ ގިނަވެގެން 5 އަހަރުދުވަހަށްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.