ޚަބަރު

އެއްވެސް މީހަކަށް ލިބިފައިވާ ގޯއްޗެއް އެހެންތާކަށް ބަދަލެއް ނުކުރާނަން: ރައީސް


  • ގުޅިފަޅުން އިތުރު 85 ހެކްޓަރު ހިއްކާނެ

  • ގިރާވަރު ފަޅުން އިތުރު 50 ހެކްޓަރު ހިއްކާނެ

  • ގޯތިތައް ބަދަލުކުރުމުގެ އެއްވެސް މަޝްވަރާއެއް ނުކުރާކަމަށް ރައީސް ވިދާޅުވި

ނިމިދިޔަ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅާއި ހުޅުމާލެއިން ދޫކޮށްފައިވާ ގޯތިތައް އެހެން އެއްވެސް ތަނަކަށް ބަދަލުނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިފަދައިން ވިދާޅުވީ، އެމް.ޑީ.ޕީގެ 13 މެމްބަރަކު ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއާ ގުޅިވަޑައިގަތުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރީ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅާއި ހުޅުމާލެއިން ދޫކުރި ގޯތިތައް އެހެންތަނަކަށް ބަދަލުކުރަން އުޅޭކަމަށް އިދިކޮޅުން ދައްކާ ވާހަކަތައް ދޮގުރައްވާފައެވެ. އެމަނުކުފާނު ވިދާޅުވީ އެއްވެސް މީހަކަށް ލިބިފައިވާ ގޯތި އެހެން ތަނަކަށް ބަދަލުކުރުމަށްޓާ މަޝްވަރާތަކެއްވެސް ކޮށްފައި ނުވާކަމަށާއި، އެފަދަކަމެއް ނިންމެވުމެއްވެސް ނިންމަވާފައި ނުވާކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ގުޅީފަޅާއި ގިރާވަރު ފަޅުން މިހާރު ހިއްކަމުންދާ ބައި އިތުރުކޮށް އެ ބިންތަކުންވެސް ބޯހިޔާވަހިކަމަށް ޚާއްސަކުރައްވާނެކަމަށެވެ.

އެގޮތުން ގިރާވަރު ފަޅުން މިހާރު ހިއްކާ ބަޔަށް 50 ހެކްޓަރު އިތުރުކުރައްވާނެކަމަށާއި، ގުޅިފަޅުން އިތުރު 85 ހެކްޓަރު ހިއްކަވާނެކަމަށެވެ. އަދި ހުޅުމާލޭގައި މިހާރު ހިއްކަމުންދާ ސަރަޙައްދު އެގޮތުގައި ހިއްކާ ނިންމަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ހުޅުމާލެއާއި ގިރާވަރު ފަޅުންނާއި ގުޅިފަޅުން ލިބުނު ގޯތިތައް ރަސްމާލެއަށް ބަދަލުކުރަން ނިންމައިފިއޭ ބުނެ ދައްކާ ވާހަކައަކީ ދޮގު ވާހަކަތަކެއް. ގެދޮރުގެ މައްސަލަ ހައްލުކޮށްދޭނީ އެންމެ އިސްކަންދީގެން. ވީ ވަޢުދާ އެއްގޮތަށް ގެދޮރުގެ މައްސަލަ ހައްލުކޮށްދޭނަން. 5 އަހަރު ނިމޭއިރު ގެދޮރުގެ މައްސަލަ ހައްލުނުވާ މީހަކު ނުހުންނާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގޯތި އެޅުމަށް ދޫކޮށްފައި ބިންތަކުގައި ގެދޮރު އެޅުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އިޤްތިސާދީ ޢިލްމީ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އިކޮނަމިކް ކައުންސިލާ ކަމާ ގުޅޭ ފަރާތްތައް އެކަންކަން ނިންމެވުމާއެކު ކެބިނެޓަށް ގެނައުމުން އެކަންކަން ރައްޔިތުންނަށް ފޯރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ %5 އަށްވުރެ ކުޑަ އިންޓްރެސްޓުގައި ލޯނު ދޫކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށެވެ.

ބޯހިޔާވަހިކަމަށް ގޯތި ދިނުމަށްޓަކައި ކުރީ ސަރުކާރުގައި ގުޅިފަޅުން ހިއްކަން ހަވާލުކުރީ 150 ހެކްޓަރުގެ ބިމެވެ. އަދި ގިރާވަރު ފަޅުން 100 ހެކްޓަރުގެ ބިން ހިއްކައެވެ.