ޚަބަރު

ރާއްޖެއަށް ކުރަމުންދާ ވިއްސާރަ؛ ގުރައިދޫގައި ފެންބޮޑުވެ 3 ގެއަކުން މީހުން ބަދަލުވެފައިވޭ


  • ވިއްސާރައިގައި ގެއްލުންވެގެން 5 ރަށަކުން ރިޕޯޓްކޮށްފައިވޭ

  • ކ.ގުރައިދޫގެ 20 ގެއެއްގައި ފެންބޮޑުވެ 3 ގެއަކުން މީހުން ބަދަލުވެފައިވޭ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ކ.ގުރައިދޫގައި ފެންބޮޑުވެ 3 ގެއަކުން މީހުން ބަދަލުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ހާމަކުރައްވައިފިއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ މިވިއްސާރައިގައި ގެއްލުންވެގެން 5 ރަށަކުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. ގެއްލުންވެގެން ރިޕޯޓްކޮށްފައިވަނީ
ފ. ނިލަންދޫ، ކ.ގުރައިދޫ، ލ.ގަން، ލ.ފޮނަދޫގެ އިތުރުން ސ.މަރަދޫންނެވެ. މީގެތެރެއިން ކ. ގުރައިދޫގެ 20 ގެއެއްގައި ފެންބޮޑުވެ 3 ގެއަކުން މީހުން ބަދަލުވެފައިވާ ކަމަށްވެސް އެއޮތޯރިޓީން ވިދާޅުވެއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ ފެން ބޮޑުވުމުގެ ހާދިސާތަކަށް އިޖާބަ ދިނުމުގެ މަސައްކަތް ސިފައިންނާއި، ފުލުހުންނާއި ކައުންސިލްތައް ގުޅިގެން ގެއްލުން ލިބުނު ރަށްތަކުގައި ކުރަމުން އަންނަ ކަމަށެވެ. އަދި މާލޭގެ ބައެއް ގޭގައި ފެންބޮޑުވެފައިވާތީ ވެލި ބަސްތާޖެހުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ އެހީތެރިކަމާއިއެކު ކޮށްފައިވާ ކަމަށްވެސް އެއޮތޯރިޓީން ވިދާޅުވިއެވެ.

މިވިއްސާރައިގައި މިދިޔަ ބުދަ ދުވަހު އައްޑޫ ސިޓީއަށް މެދުނުކެނޑި 8 ގަޑިއެއްހާއިރު ވަންދެން ވާރޭ ވެހުމުގެ ސަބަބުން އެސިޓީގެ 5 ރަށެއްގައި ފެންބޮޑުވެ 97 ގެއަކަށް ވަނީ ފެން ވަދެފައެވެ. އަދި ޏ. ފުވައްމުލަކު ސިޓީގައިވެސް ބައެއް އަވަށްތަކުގައި ފެންބޮޑުވެ 15 ގެއަކަށް ގެއްލުން ލިބިފައިވޭ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރައި އަދި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ބޮޑުބަޔަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ. އެހެންކަމުން ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅުއެޅުމަށް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އޮފް މޯލްޑިވްސް، އެންޑީއެމްއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.