ޚަބަރު

ޑިސްއިންފެކްޓް ނުކުރެވޭ ތަކެއްޗަށް ފެނުގެ އަސަރުކޮށްފައިވާނަމަ އެތަކެތި އުކާލުމަށް އިލްތިމާސްކޮށްފި


  • ގޮދަޑި، ސޯފާގެ ފޮތި ފަދަ ތަކެއްޗަށް ފެނުގެ އަސަރު ކޮށްފައިވާނަމަ އުކާލުމަށް

  • ކޮންމެހެން ދާންޖެހޭ ތަންތަނަށް ނޫނީ ނުދިއުމަށް އިލްތިމާސްކޮށްފައިވޭ

ވިއްސާރަވެ ފެންބޮޑުވުމާ ގުޅިގެން, ދޮވެ ޑިސްއިންފެކްޓް ނުކުރެވޭ ތަކެއްޗަށް ފެނުގެ އަސަރުކޮށްފައިވާނަމަ އެތަކެތި އުކާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ.

ހުއްޓުމެއްނެތި މާލެއަށާއި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވެ ވާރޭ ވެހި ފެންބޮޑުވެ ތަކެއްޗަށް ގެއްލުން ލިބެމުންދާ މިި ޙާލަތުގައި ރައްކާތެރިކަމާއެކު ސަލާމަތީ ފިޔަަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއީންވަނީ އިލްތިމާސްކުރައްވާފައެވެ.

އެގޮތުން ރައްކާތެރިވުމުގެ ގޮތުން ހިފާގެންގުޅޭ، ގޮދަޑި، ސޯފާގެ ފޮތި، ސްޕޮންޖުބައި، ބާލިސް، ފޮތް އަދި އެފަދަ އެހެނިހެން ތަކެއްޗަށް ފެނުގެ އަސަރު ކޮށްފައިވާނަމަ އެތަކެތި ވަގުތުން އުކާލުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކުޑަކުދިން ކުޅޭ ތަކެއްޗަށް ފެނުގެ އަސަރު ކޮށްފައިވާނަމަ އެތަކެތި އުކާލުމަށާއި، މަގުތަކުގައި ފެންބޮޑުވެފައިވާއިރު، އެފެނަކީ ނަޖިސް އެތައް ޒާތެއްގެ ތަކެތި ހިމެނޭ ފެނަކަށްވާތީ ފެންގަނޑުގެ ތެރެއަށް ކުޑަކުދިން އެރުމުން ދުރުހެލިކުރުމަކީ މުހިންމު ކަމެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

އަދި ގޭގެ ތެރެއަށް ފެންވަދެގެން ސާފުކުރާއިރު، ކުންޏާއި ތަޣައްޔަރުވެފައިވާ ތަކެތި އުކާލުމަށްފަހު، ފެނުގެ އަސަރުކޮށްފައިވާ ފާރާއި ތަޅުންގަނޑާއި ފަރުނީޗަރުވެސް ފެނާއި އޯމޯ ނުވަތަ ބްލީޗު ލައިގެން ރަނގަޅަށް ސާފުކަންކަށަވަރުވާ ވަރަށް ދޮވުމަށްފަހު މުޅިން ހިކެންދެން ބެހެއްޓުމަކީވެސް ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަމެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ސާފުކުރުމުގެ މަސައްކަތުގައި ލައިގެން ހުރި އަންނައުނު ދޮންނައިރު އެހެން އަންނައުނާ ވަކިން ދޮވުމަށްވެސް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ މަގުތަކުގައިވެސްވަނީ ވަރަށްބޮޑަށް ފެންބޮޑުވެފައެވެ. ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފާއި ކަމާއި ގުޅުންހުރި ފަރާތްތަކާއި އާންމުން ނިކުމެ ދަނީ ކުރަމުންނެވެ.