ޚަބަރު

މިއަހަރުތެރޭ ސަރުކާރުގެ އޮފީސް ޢިމާރާތެއްގެ މަސައްކަތް ކުރިއަށްގެންދާނަން: ޑރ. މުއްޠަލިބް


  • އޮފީސްތަކުގެ ކުއްޔަށް އަހަރު 200 މިލިޔަން ރުފިޔާ ޚަރަދުވޭ

  • އޮފީސް ޢިމާރާތް އެޅުމަށް ބިމެއް ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން

  • ލަސްވެގެން 2 އަހަރުގެ ތެރޭގައި މަސައްކަތް ނިންމާނެކަމަށް

މިއަހަރުގެ ތެރޭގައި ސަރުކާރުގެ އޮފިސްތައް ހިންގުމަށް ބޮޑު އޮފީސް ޢިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އޮފިސްތައް ހިންގުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ވަނީ ބޮޑު އޮފީސް ޢިމާރާތެއް އެޅުމަށް ނިންމަވާފައެވެ.

މިކަމާ ގުޅޭގޮތުން އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވީ، ސަރުކާރުގެ އައު އޮފީސް ޢިމާރާތް އެޅުމަށްޓަކައި ބަޖެޓުގައިވެސް ހިމަނާފައިވާކަމަށެވެ. އަދި ބިމެއް ހޯދުމުގެ މަސައްކަތަށްފަހު ޢިމާރާތުގެ ޑިޒައިންގެ މަސައްކަތް ފަށްޓަވާނެކަމަށް ވަޒިރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، އިމާރާތުގެ މަސައްކަތް ފެށުމަށްފަހު ލަސްވެގެން 2 އަހަރުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށެވެ.

"ސަރުކާރުގެ އޮފީސްތައް ހިންގުމަށް އަހަރަކަށް 200 މިލިޔަން ރުފިޔާ އެބަ ޚަރަދުކުރޭ. މިހާރު އޮފީސްތައް ހިންގަމުންދާ ތަންތަން ހުސްކުރެވޭނީ އޮފީސް ޢިމާރަތެއް އަޅައިގެން. ބަޖެޓަށް ބުރަވާގޮތަށް ކުއްޔަށް ތަންތަން ނެގުމުގެ ވިސްނުމެއް ނެތް. މިހާރު ހުރި ތަންތަން މަރާމާތަށްފަހު މިވަގުތަށް ބޭނުންކުރާނީ." އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

ސަރުކާރުގެ ގިނަ އޮފީސްތަކެއް މީގެ ކުރިން ހިންގަމުން އައީ ހުރަވީ ބިލްޑިންގއާއި ޣާޒީ ބިލްޑިންގގައެވެ.

އެހެންނަމަވެސް އެ ދެ ޢިމާރާތްތަކީ ގިނަ ދުވަސްވެފައިވާ ތަންތަނަށްވުމުން އެ ދެ ޢިމާރާތް ތަޅާލާ، އެތަންތަނުގައި ހިންގަމުން އައި އޮފީސްތައް ވަނީ އެހެނިހެން ތަންތަނަށް ބަދަލުކުރައްވާފައެވެ. މީގެ ސަބަބުންވެސް ސަރުކާރުން އޮފީސްތައް ހިންގުމަށް ތަންތަން ކުއްޔަށް ހިފާ ބޮޑު ކުލި ދައްކަންޖެހޭކަން ސަރުކާރުން ފާހަގަކުރައްވައެވެ.

ސަރުކާރުގެ އޮފީސްތައް ހިންގުމަށް ކުރަންޖެހޭ ޚަރަދުކުޑަކުރުމުގެ ގޮތުން މިދިޔަ ސަރުކާރުންވެސް ހުޅުމާލޭގައި ޢިމާރާތެއް އެޅިއެވެ. އެ ޢިމާރާތުގައި ސަރުކާރުގެ 3 ވުޒާރާއެއް އަންނަނީ ހިންގަވަމުންނެވެ.