ޚަބަރު

އައްޑޫ ބްރިޖުގެ ތަފްސީލީ ފީޒިބިލިޓީއާއި ޑިޒައިން މަސައްކަތް ޙަވާލުކުރުމަށް ތައްޔާރުވެއްޖެ


  • އައްޑޫ ބްރިޖުގެ މަސައްކަތް ފަށަން ހަފްތާ 14ގައި ހިމަނާފައިވޭ

  • ބްރިޖްގެ މަސައްކަތަށް ޚަރަދުވާނެ ވަރު އެނގޭނީ ފީޒިބިލިޓީ ހެދުމުން

  • ބްރިޖް އެޅުމުގެ ކުރިން ރައްޔިތުންނާ މަޝްވަރާކުރާނެ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫ ގުޅާލުމަށްޓަކައި ކުރަން ޖެހޭ ފަންނީ އަދި ތަފްސީލީ ފީޒިބިލިޓީއާއި ޑިޒައިންގެ މަސައްކަތް ކުރުމަށް ބަޔަކާ ވަރަށް އަވަހަށް ހަވާލުކުރައްވާނެކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައިވެސް އައްޑޫ ބުރިޖު މަޝްރޫޢަށް ބޭނުންވާ މަސައްކަތްތައް ފެށުން ހިމެނެއެވެ. އައްޑޫ ބްރިޖުގެ މަސައްކަތްކުރުމަށް މިއަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

އައްޑޫ ބްރިޖްގެ މަޝްރޫޢުއާ ގުޅޭގޮތުން ޢިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ހަފްތާ 14ގެ ތެރޭގައި އައްޑޫ ބްރިޖްގެ މަސައްކަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށެވެ. އެގޮތުން ބްރިޖްގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ފީޒިބިލިޓީއާއި ޑިޒައިންގެ މަސައްކަތް ކުރުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރިތައް ވަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ހަފްތާ 14 ނިމުމުގެ ކުރިން ބަޔަކަށް ހަވާލުކުރެވޭނެކަމަށާއި އެ މަޝްރޫޢުއަށް ސީދާ ޚަރަދުވާނެ ވަރު އެނގޭނީ އެ މަސައްކަތް ނިމުމުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"އައްޑު ބްރިޖް އެޅެން އޮތީ ދެފަޅިއަކުން. އެއް ފަޅީ ގައި އެއޮތޯ ޝަންގްރިއްލާ. އެއީ ބޮޑެތި ބޯޓުފަހަރުތައް ވަންނަ ސަރަހައްދު. އެފަޅިއެއް އަޅުގަނޑުމްނެނަކަށް ނުވެއް ބެއްދޭނެ. އަނެއް ފަޅީގައި ރަށްތަކެއް ހިއްކާފައި އެބައޮތް. ޑީޓައިލްޑް ފީޒިބިލިޓީއަކާއި ޑިޒައިނެއް ހެދުމުގެ ބޭނުމަކީ އަތޮޅުގެ ކައުންސިލްތަކާއި، ރައްޔިތުންނާއި މަޝްވަރާކޮށްގެން އެއަށް އެންމެ ރަނގަޅު ގޮތެއް ހޯދުން. އެރަށްތައް ހުރިގޮތަށް ބަހައްޓާފައި ސޮލިއުޝަނެއް ހޯދޭނެ ކުރިއަށް ގެންދަން. މި ފީސިބިލިޓީ ހެދީމަ އިނގޭނީ ހިއްކާފައި އޮތްތަނަށް އަންނާނީ ކޮންކަހަލަ އިމްޕެކްޓެއްކަން." އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ ބްރިޖް އެޅުމުގެ މަސައްކަތަށް ބޭނުންވާ ފަންނީ އަދި ތަފްސީލީ ފީޒިބިލިޓީއާއި ޑިޒައިން މަސައްކަތް ބަޔަކާ ވަރަށް އަވަހަށް ހަވާލުކުރައްވާނެކަން ހާމަކުރައްވާފައެވެ. ވެލާނާ އިންތަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވެފައިވަނީ އޭގެ ސަބަބުން ބްރިޖްގެ އަގު ކުރުމަށްޓަކައި ކޮންޓްރެކްޓަރެއް ހޯދައި، މަސައްކަތް ހަވާލުކުރުމަށްޓަކައި ނިންމަންޖެހޭ ހުރިހާ ލިޔެކިޔުމެއް އެ މަސައްކަތުން ފަހިވެގެންދާނެކަމަށެވެ.

"އައްޑޫ ސިޓީގައި ކުރަން ނިންމާފައި ހުރި ކަންކަމަކީވެސް ހަމަ ރައްޔިތުން ބޭނުންވެގެން، ރައްޔިތުން އަޅުގަނޑުމެން ގާތު އެދިފައިވާ ކަންކަން. އެ ބްރިޖްގެ އަގު ކުރުމަށްޓަކައި ކޮންޓްރެކްޓެއް ހޯދައި، މަސައްކަތް ހަވާލުކުރުމަށްޓަކައި ނިންމަންޖެހޭ ހުރިހާ ލިޔެކިޔުމެއް އެ މަސައްކަތުން ފަހިވެގެން އެބަދޭ. ފުރިހަމަ ވެގެންދާނެ. އެހެންވީމާ، އެ މަސައްކަތްވެސް ވަރަށް އަވަހަށް ހަވާލު އެބަކުރެވޭ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އައްޑު އަތޮޅު އުފެދިފައި އޮތް ގޮތުން، ހިތަދޫ، ފޭދޫ، މަރަދޫފެދޫ އަދި ފޭދޫ އަކީ އެއްފަސްކޮށް އޮންނަ 4 ރަށެވެ. ހުޅުދޫ އަދި މީދޫ އޮންނަކީ ވަކިން ދުރުގައެވެ. ފުރިހަމަ މާނައިގައި އައްޑޫ "ސީޓީ"އެއްގެ ގޮތުގައި ތަރައްޤީކުރެވިގެން ދިއުމުގައި، އެ ސިޓީގެ ރައްޔިތުންގެ އުންމީދާއި ގުޅިފައިވާ އެންމެ މުހިންމު އެއް މަޝްރޫޢަކީ، ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫ ބްރިޖަކުން ގުޅާލުމެވެ. އެއީ ރައީސްގެ ވަޢުދުފުޅެއްވެސްމެއެވެ.