ހުޅުމާލެ 3ވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަށް 500އަށްވުރެ ގިނަ މީހުންނާ ބިން ހަވާލުކޮށްފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ އޮގަސްޓް 10ވަނަ ދުވަހުގެ ނިޔަލަށް 560 ފަރާތަކަށް ގޯތި ހަވާލުކޮށްފަވާކަމަށެވެ. މިއީ ގޯތި ލިބުނު މީހުންގެ ޖުމުލަ އަދަދަށް ބަލާއިރު %80 މީހުންނެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭން (LUP) އަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ގޯތި ލިބިފައިވާ 698 ފަރާތެއްގެ ގޯތިތައް ކަނޑައެޅިފައިވާ ސަރަޙައްދަށް ވަނީ ބަދަލު އައިސްފައެވެ.
މި ބަދާލާ ގުޅިގެން ލިބޭ ގޯތި އޮންނަ ސަރަޙައްދު ނުވަތަ ޕްލޮޓް ކަނޑައެޅުމަށް އެކަމުގެ ގުރުއަތު ނަގާފައިވަނީ، މިދިޔަ ޑިސެންބަރު މަހުގެ 20ވަނަ ދުވަހުއެވެ. ބިން ހަވާލުކުރުމުގެ މަސައްކަތްތައް ފެށީ މިއަހަރުގެ މަރޗް މަހުގެ 26ވަނަ ދުވަހުއެވެ.
ގޯތި ހަވާލުކުރުމުގެ މަރުހަލާ ކުރިއަށްދަނީ، ވެރިފަރާތުން ގޯތީގެ ރަޖިސްޓަރީއަށް އެދުމުން، އެ ރަޖިސްޓަރީ ތައްޔާރުކޮށް ހަވާލުކުރާ އުސޫލުން ކަމަށްވުމާއެކު، ބާކީ ހުރި ގޯތިތައްވެސް ވީހާވެސް އަވަހަކަށް ހަވާލުކޮށް ނިންމުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
• 1650 އަކަފޫޓުގެ 181 ގޯތި
• 2050 އަކަފޫޓުގެ 242 ގޯތި
• 2450 އަކަފޫޓުގެ 132 ގޯތި
• 2850 އަކަފޫޓުގެ 62 ގޯތި
• 3250 އަކަފޫޓުގެ 41 ގޯތި
• 3650 އަކަފޫޓުގެ 16 ގޯތި
• 4000 އަކަފޫޓުގެ 24 ގޯތި
ނިމުނު ސަރުކާރުގައި ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން، ހުޅުމާލެއިން ބިން ދޫކުރީ އެ ސަރަޙައްދު ނުހިއްކައެވެ. ނަމަވެސް މި ސަރުކާރުގައި ވަނީ ހުޅުމާލެ 3ވަނަ ފިޔަވަހީގެ ގޮތުގައި އެ ސަރަޙައްދުން 63 ހެކްޓަރުގެ ބިން ހިއްކައި ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތް ފަށާފައެވެ.
ހުޅުމާލޭގެ އިތުރުން ގުޅިފަޅުން ގޯތި ލިބުނު މީހުންނާ ގޯތި ހަވާލުކުރުމުގެ މަސައްކަތްތައްވެސް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ދަނީ ކުރަމުންނެވެ.