ޚަބަރު

ސިނަމާލޭ ބްރިޖުގެ މަސައްކަތްކުރި ޗައިނާ ކުންފުނީގެ އިސް އޮފިޝަލުން ރައީސްގެ އަރިހަށް


  • ބްރިޖުގެ މަސައްކަތް ނިންމާ ހުޅުވާފައިވަނީ 2018ގައި

  • މި މަސައްކަތްކޮށްފައިވަނީ ޗައިނާގެ ސީ.ސީ.ސީ.ސީއިން

  • ރައީސްގެ ދަތުރުފުޅަކީ ޗައިނާގެ ރައީސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް

ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް، ސީ.ސީ.ސީ.ސީގެ އިސް އޮފިޝަލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެޒިޔާރަތެއް ކުރައްވައިފިއެވެ.

ސީ.ސީ.ސީ.ސީގެ އިސް އޮފިޝަލުން ރައީސާއި ބައްދަލުކުރައްވާފައި މިވަނީ އެމަނިކުފާނު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. ޗައިނާގެ ސީ.ސީ.ސީ.ސީއަކީ މާލެއާއި ހުޅުލެއާއި ދެމެދު ތަރައްޤީކޮށްފައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނުވަތަ ސިނަމާލޭ ބްރިޖުގެ މަސައްކަތް ކުރިއަށްގެންދިޔަ ކުންފުންޏެވެ.

ސިނަމާލޭ ބްރިޖުގެ މަސައްކަތް ނިންމާ ހުޅުވާފައިވަނީ 2018 ވަނަ އަހަރުއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ހިންގުނު މިފަދަ އެންމެ ބޮޑު އެއް މަޝްރޫޢެވެ. މި ބްރިޖާއެކު މާލެ، ހުޅުލެ އަދި ހުޅުމާލެ އެއްގަމު ދަތުރުފަތުރުން ވަނީ ގުޅާލެވިފައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ފުރަމާނަ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުން ބަދަލުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. އެގޮތުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމާއި، އިޖުތިމާއީ، އިޤުތިޞާދީ އަދި ޓެކްނޮލޮޖީގެ އިތުރުންވެސް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން ހިމެނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ބައެއް ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އިޖުތިމާއީ އަދި އިޤުތިޞާދީ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.