ޚަބަރު

މުއްދަތު ހަމަވިއިރު ވޯޓާސް ލިސްޓަށް 746 ޝަކުވާ


  • އިއްޔެ އެކަނިވެސް 330 ޝަކުވާ ލިބިފައިވޭ

  • އެޑްރެސް ބަދަލުވެގެން 450 ޝަކުވާ

  • ދާއިރާ ބަދަލުވެގެން 40 ޝަކުވާ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުޞަތުގައި 746 ޝަކުވާ ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިމަހުގެ 10 ވަނަ ދުވަހުގައެވެ. އަދި ޝަކުވާ ހުށައެޅުމުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މުއްދަތު ހަމަވިއިރު ވޯޓާސް ލިސްޓަށް 746 ޝަކުވާ ވަނީ ހުށައަޅާފައެވެ. އެގޮތުން އެންމެ ގިނައިން ޝަކުވާ ހުށައަޅާފައިވަނީ އިއްޔެއެވެ. އިއްޔެ އެކަނިވެސް 330 ޝަކުވާ ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ހުށައަޅާފައިވާ ހުރިހާ ޝަކުވާތަކުގެ ތެރެއިން އެންމެ ގިނައީ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އެޑްރެސް ބަދަލުވެގެން ހުށައަޅާފައިވާ ޝަކުވާއެވެ. އެގޮތުން އެޑްރެސް ބަދަލުވެގެން 450 ޝަކުވާ ވަނީ ހުށައަޅާފައެވެ. އަދި މަރުވެފައި ތިބި މީހުންގެ ނަން ލިސްޓުގައި އޮވެގެން 225 ޝަކުވާ ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މީގެ އިތުރުން ވޯޓުލާ ދާއިރާ ބަދަލުވެގެން 40 ޝަކުވާއެއް ހުށައަޅާފައިވާއިރު، ވޯޓާސް ލިސްޓުގައި ނަން ނެތިގެން 5 ޝަކުވާ އަދި އައިޑީކާޑުގެ މަޢުލޫމާތު ބަދަލުވެގެން 1 ޝަކުވާ ހުށައަޅާފައިވެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހުއެވެ. މިފަހަރުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިލެކްޝަން ކޮމިޝަނުން ކުރިން ހާމަކަުރައްވާފައިވާ ވޯޓާސް ލިސްޓުގައި ވޯޓުލުމުގެ ޙައްޤު 284،327 މީހުންނަށް ލިބިފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 139،165 އަންހެނުންނާއި، 145،162 ފިރިހެނުންނެވެ. އެހެންނަމަވެސް މިއަދަދުތަކަށް ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން ޝަކުވާތައް ބެލުމަށްފަހު ވޯޓާސް ލިސްޓަށް ގެންނަ ބަދަލުތަކާއެކު މިމަހުގެ 30 ވަނަ ދުވަހު އާންމުކޮށް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އަނެއްކާވެސް ޝަކުވާއަށް ހުޅުވާލާނެއެވެ. އަދި އެއަށްފަހު ވޯޓާސް ލިސްޓް ފައިނަލް ކުރާނެއެވެ.