ޚަބަރު

"ސުލްހަ ޤާއިމްކުރަން ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރަންޖެހޭ"


  • ފަލަސްތީނުގެ މައްސަލައަށް ޙައްލު ހޯދުމުގެ މަސައްކަތް އިތުރުކުރަން ގޮވާލެއްވި

  • އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުން ކުރިއަށްދަނީ އިރާޤުގެ ބަޤުދާދުގައި

  • ރާއްޖެއިން އޯއައިސީގަައި ބައިވެރިވިތާ މިއަހަރު 50 އަހަރު ފުރޭނެ

ފަލަސްތީނުގެ މައްސަލައިގައި ދިވެހި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމުގެ ޔަޤީންކަން އަރުވައި، ދުނިޔޭގެ މަސްރަހަށް ރިޢާޔަތްކޮށް، މެންބަރު ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް ގޮވާލައްވައިފިއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީއިން އިރާޤުގެ ބަޤުދާދުގައި މިއަދު ބޭއްވި ޙާރިޖީ ވަޒީރުންގެ ކައުންސިލުގެ 52 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ބައިވެރިވެ ވަޑައިގެން ވަނީ ތަޤުރީރު ކުރައްވާފައެވެ.

އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ކައުންސިލުގެ މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ދެއްވި ތަޤުރީރުގައި، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ޚާއްސަކޮށް އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށާއި މައްސަލަތަކުގައި ސުލްޙަ ޤާއިމްކުރުމަށް ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކޮށް މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަމަށް އަލިއަޅުވާލެއްވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީއަށާއި ސުލްޙައަށް، މުޖުތަމަޢުއެއްގެ ހުރިހާ ބައިތަކެއް ޝާމިލުކުރުމުގެ މުހިންމުކަމަށް ބާރުއަޅުވައިލައްވާ، މިކަން ހާސިލުކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ ބައެއް މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ.

މި އަހަރަކީ ދިވެހިރާއްޖެއިން އޯއައިސީއާ ގުޅުނުތާ 50 އަހަރުފުރުނު އަހަރަށް ވުމާއެކު، ދިވެހިރާއްޖެއިން އޯއައިސީ އަދި މެންބަރު ގައުމުތަކާއެކު އިސްލާމީ އުއްމަތުގެ މަސްލަހަތު ކުރިއެރުވުމަށް އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު ވަނީ ދެއްވާފައެވެ.


މީގެ އިތުރުން ރާއްޖެއިން ފަލަސްތީނުގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތު ކަމުގައިވާ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ޤާއިމުކުރުމަށް ވަކާލާތު ކުރުމުގައިވެސް ރާއްޖެއިން އަބަދުވެސް ދެމިހުންނާނެކަމުގެ ޔަޤީންކަން ޙާރިޖީ ވަޒީރު ދެއްވިއެވެ. އަދި މި މަޤުސަދު ހާސިލުކުރުމަށް އޯއައިސީގެ ހުރިހާ މެންބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރު ކުރުމަށްވެސް ވަނީ ގޮވާލައްވާފައެވެ.

މި ބައްދަލުވުމުގެ ހަވާސާގައި އިރުތިސާމް ވަނީ އޯއައިސީ މެންބަރު ޤައުމުތަކުގެ ވަޒީރުންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި މި ޤައުމުތަކާއި ދިވެހިރާއްޖެއާ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދެފަރާތުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާ ކުރެއްވިއެވެ.

ޚާރިޖީ ވަޒީރުންގެ ކައުންސިލުގެ މި ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް އޯއައިސީގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން އެއްތަނަކަށް އެއްވެ އިސްލާމީ އުއްމަތަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރުގެ އަރިހުގައި، އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރު އަދި އެސިސްޓެންޓް ޑިރެކްޓަރ މުހައްމަދު ޝުޖާއު ބައިވެރިވެ ވަޑައިގެންނެވިއެވެ.