ޚަބަރު

ޢާންމުންނަށް ޝަކުވާ ހުށަހެޅޭގޮތަށް ދާޚިލީ ސަލާމަތާބެހޭ ވުޒާރާގައި ބިއުރޯއެއް އުފައްދަވަނީ


  • ވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން މިބިއުރޯއަށް ޝަކުވާ ހުށައެޅޭނެ

  • ޢާންމުންގެ ޝަކުވާތަކަށް ޖަވާބުދާރީވުމުގައި ދެމިހުންނަވާނެކަމަށް ވަޒީރު ވިދާޅުވި

ޢާންމުންނަށް ޝަކުވާ ހުށަހެޅޭގޮތަށް ދާޚިލީ ސަލާމަތާއި، ފަންނިއްޔާތާ ބެހޭ ވުޒާރާގައި ބިއުރޯއެއް އުފެއްދެވުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ޝަކުވާ ހުށަހެޅުމަށް އުފައްދާ ބިއުރޯއަށް، ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ޢާންމުން ހުށައަޅަން ބޭނުންވާ ޝަކުވާތައް ހުށައެޅޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ ހޯމް ސެކްޓަރ އާއި ގުޅިގެން ހުރި ޢާންމުންގެ ޝަކުވާތަކާއި، މައްސަލަތަކަށް ހައްލުހޯދައި، އެ މައްސަލަތަކަށް ޖަވާބުދާރީވުމުގައި ދެމިހުންނަވާނެކަމަށެވެ. އެގޮތުން، މައްސަލަ ހުށަހަޅާ ފަރާތްތަކާއެކު ބައްދަލުވުން ބޭއްވުމުގެ އިތުރުން، ސޯޝަލް މީޑިޔާ މަންސަތަކުގައި މައްސަލަތަކަށް ނުވަތަ ޝަކުވާތަކަށް ޖަވާބު ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޖަލުތަކުގައި ތިބޭ ގައިދީން ރީހިބެލިޓޭޓްކުރުމާއި، ރާއްޖޭގައި އުޅޭ ބިދޭސީން ބެލެހެއްޓުމަކީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުގައި ހުރި ކަންކަމެވެ. މިކަންކަމާއި ގުޅިގެން ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް މިހާތަނަށް ދާޚިލީ ވުޒާރާއިން ވަނީ ގިނަ ނިންމެވުންތަކެއް ނިންމަވާފައެވެ.

އެގޮތުން، ޖަލުތަކުގައި ތިބި ގައިދީންނާއި، ރާއްޖެއިން ބޭރަށް ހަނގުރާމައަށް ގޮސް ތިބި ފަރާތްތަކާއި، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް ރީހެބިލިޓޭޓްކުރުމަށް، ރީހެބިލިޓޭޝަން ސެންޓަރުތައް އެޅުމަށް އެވުޒާރާއިން ވަނީ ނިންމަވާފައެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، އިނގިލީގެ ނިޝާން ނަގައިގެން ބިދޭސީންގެ މަޢުލޫމާތު އެނގޭފަދަ ނިޒާމެއް ޤާއިމްކުރުމަށްވެސް އެ ވުޒާރާއިން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.