ޚަބަރު

ސްޓެލްކޯއިން ފެނަކައަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެނީ


  • ފަހުމުނާމާގެ ދަށުން ސްޓެލްކޯއިން ފެނަކައަށް އެހީތެރިކަން ފޯރުކޮށްދޭނެ

  • ފެނަކައިގެ މުވައްޒަފުންނަށް ސްޓެލްކޯއިން ތަމްރީނު ދޭނެ

  • ސްޓެލްކޯއިން ފެނަކައިގެ އިންޖީނުތައް ސާވިސްކޮށްދޭނެ

ފެނަކަ ކޯޕަރޭޝަންގެ މަސައްކަތަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، ސްޓެލްކޯއާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިފަހުމުނާމާގައި ސޮއިކުރުމަށްފަހު މީޑިއާތަކާއި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ފެނަކައަށް ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް ސްޓެލްކޯއަށް ވެވެންހުރި ގޮތަކަށް އެކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މިފަހުމުނާމާގެ ދަށުން ކޮށްދޭ ކަންކަމަކީ ސްޓެލްކޯއިން ހިލޭސާބަހަށް ކޮށްދޭ ކަންތައްތަކެއްކަން ފަހުމީ ފާހަގަކުރެއްވިއެވެ. އެގޮތުން މެކޭނިކަލް އަދި އިލެކްޓްރިކް އިންޖިނިއަރިންގެ ރޮނގުން، ފެނަކައިގެ މުވައްޒަފުންނަށް ތަމްރީނު ދޭނެކަމަށާއި، ފެނަކައިން ކަރަންޓު ފޯރުކޮށްދޭ ބައެއް ރަށްތަކަށް ސްޓެލްކޯއިން މުވައްޒަފުން ފޮނުވަންޖެހިއްޖެ ހާލަތެއްގައި އެކަންވެސް ކޮށްދެއްވާނެކަމަށް ފަހުމީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ކޮށްދެވެންހުރި ހުރިހާ ކަމެއް ހިލޭ ކޮށްދޭނަން. އަޅުގަނޑުމެން މިއެއްބަސްވުމުގެ ދަށުން ވީހާވެސް ލުއިކޮށް ކަންކަން ކޮށްދޭނީ. ސަބަބަކީ ފެނަކަ މިހާރު އޮތް ހާލަތުން އަރައިގަންނަން ޖެހޭތީ." ފަހުމީ ވިދާޅުވިއެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ފަންނީ ގޮތުން މުވައްޒަފުންގެ ކުރިއެރުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށެވެ. އަދި ފެނަކައިން ދޭ ޚިދުމަތްތައް ކުރިއަށް ގެންދިޔުމަށްވެސް ބޮޑު ބާރަކަށް، މިއެއްބަސްވުން ވެގެންދާނެ ކަމަށް މުޢާޒް ވިދާޅުވިއެވެ.

ފެނަކައަށް ކުރިމަތިވެފައި އޮތް މާލީ ގޮންޖެހުންތައް ފާހަގަކޮށް، މުޢާޒް ވިދާޅުވީ މިހާރު ފެނަކަ އޮތް ހާލަތުން އަރައިގަތުމަށް އެކި ކުންފުނިތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. އަދި ފެނަކައިން ކުރިން ބޭނުންކުރި މެޝިންތައް ސާވިސްކޮށްފައިވަނީ އަމިއްލަ ފަރާތްތަކާއި ހަވާލުކޮށްގެންކަމަށާއި، ހަމައެކަނި ސާވިސްކުރުމަށް 117 މިލިޔަން ރުފިޔާ މިދިޔަ އަހަރު ހޭދަކުރަންޖެހުނު ކަމަށް މުޢާޒް ވިދާޅުވިއެވެ. އެހެންނަމަވެސް، މިއެއްބަސްވުމުގެ ދަށުން މެޝިނަރީ ސާވިސްކުރުމަށް ސްޓެލްކޯގެ އެހީތެރިކަން ލިބިގެންދާނެކަން ފާހަގަކުރައްވަމުން މުޢާޒް ވިދާޅުވީ މިކަމުގެ ސަބަބުން ފެނަކައިގެ ޚަރަދުތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

"މި އެއްބަސްވުމާއި އެކީގައި ފަންނީގޮތުން އިތުރު ހަރުފަތަކަށް އަޅުގަނޑުމެންގެ މުވައްޒަފުން ދިޔުމަށް އެހީތެރިކަން ސްޓެލްކޯގެ ފަރާތުން ލިބިގެންދާނެ. އަދި އޮޕަރޭޝަންސްތައް ނުހުއްޓި އޮމާންކަންމަތީ ކުރިއަށް ގެންދިޔުމަށް މަގުފަހިވެގެންދާނެ." މުޢާޒް ވިދާޅުވިއެވެ.

މި ފަހުމުނާމާގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދެވެ. ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.

މި ފަހުމުނާމާގައި ސޮއިކުރެވުމާއިއެކު، ފެނަކައިން ކުރަންޖެހޭ ޚަރަދުތަކަށް ބޮޑު ލުޔެއް ލިބުމުގެ އިތުރަށް، އެ ކުންފުނީގެ ދަރަނި ދެއްކުމަށްވެސް ފަސޭހަ ވެގެންދާނެއެވެ. މިދިޔަ ސަރުކާރުގައި ފެނަކަ ހިންގާފައިވާ ގޮތުން އެ ކުންފުނީގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި، އަދި ކުންފުންޏަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް، މިދިޔަ ސަރުކާރުން މުވައްޒަފުން ނަގާފައިވާކަންވެސް މީގެ ކުރިން ފެނަކައިންވަނީ ފާހަގަކޮށްފައެވެ.