ޚަބަރު

އެންމެ އަވަހަށް ފަށާ ހައުސިންގ މަޝްރޫޢުތަކުން ފަތުރުވެރިކަމުގެ ދާއިރާގެ މީހުންނަށްވެސް ޖާގަލިބޭނެ


  • އެކި ސަރަޙައްދުތަކުގައި ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫއުއިންވެސް ޚާއްސަކުރާނެ

  • ދާއިރާ ކުރިއެރުވުމުގައި ޚިޔާލާ މަޝްވަރާ ހޯއްދަވާނެކަމަށް ރައީސް ވިދާޅުވި

އެންމެ އަވަހަށް ފަށާ ހައުސިންގ މަޝްރޫޢުއިން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް ޚާއްސަކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އާންމުގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދަވާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ރ. މީދޫ، ނަރުގިސް، ޠާހާ ޙުސައިން ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ޠާހާ ޙުސައިން، ރައީސްއަށް ސުވާލުކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރީންގެ ހިޔާވަހިކަމާ ގުޅޭގޮތުންނާއި އެ ސިނާޢަތުގެ މަސައްކަތްތެރީންގެ މަޝްވަރާ ސަރުކާރުން ހޯދުމާ ގުޅޭގޮތުންނެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުން، ޚާއްސަކޮށް އެ ސިނާއަތުގައި މަސައްކަތް ކުރާ ޒުވާނުންނަކީ ސަރުކާރުން ވަރަށް އިސްކަން ދޭނެ ބައެއްކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވަނީ އެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ ޚިޔާލާ މަޝްވަރާއާއެކުކަމަށް ރައީސް ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދައިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސޯޝަލް ހައުސިންގ ސްކީމްގެ ތެރެއިން ޚާއްސަކުރުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެކަމާ ގުޅޭ އޮނިގަނޑު ފާސްކޮށްފައިވާކަމަށެވެ. އަދި އެ އޮނިގަނޑުގެ މައްޗަށް ބިނާކޮށް ފަތުރުވެރިކަމާ ގުޅޭ އެކި ޖަމިއްޔާތަކާއި ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މަޝްވަރާއާއެކު ކެޓަގަރީތަކާއި ޕޮއިންޓް ދޭނެ ގޮތްތައް ކަނޑައަޅުއްވާނެކަމަށެވެ.

"އަޅުގަނޑު ވަޢުދުވެސް ވެފައިވަނީ އެއްކަމަކަށް ހައުސިން ކަންތައް. މިހާރު ކެބިނެޓުން އޮންނާނެ ނިންމާފައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ރައްޔިތުންނަށް ޚާއްސަ ހައުސިންގ ސްކީމްއެއް ސޯޝަލް ހައުސިން ޕްރޮޖެކްޓްސްގެ ތެރޭގައި ކުރިއަށް ގެންދަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ފަތރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ގޯތި ނުވަތަ ފްލެޓް ލިބޭނީ މާލެ ސަރަޙައްދުން އެކަނި ނޫންކަމަށެވެ. އޭގެ ބަދަލުގައި އެ މީހަކު މަސައްކަތް ކުރާ ސަރަޙައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ވަކި އިންސައްތައެއް އެމީހުންނަށް ކަނޑައަޅުއްވާނެކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ، މި ސަރުކާރުން އެންމެ އަވަހަށް ފަށްޓަވާ ހައުސިންގ މަޝްރޫޢުގެ ތެރެއިންވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ ފުރުޞަތު ލިބޭނެކަމަށެވެ. އަދި މިއަހަރުގެ ތެރޭ އެ ފުރުޞަތު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބުމަކީ ކުރެވޭ އުއްމީދެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ޚާއްސަ ކެޓަގަރީއެއް ކަނޑައެޅުއްވުމަކީ ރިޔާސީ ކެމްޕެއިންގައި ރައީސް ވެވަޑައިގެންނެވި ވަޢުދުފުޅެކެވެ.