ކުޅިވަރު

ކުޅިވަރުގެ ދުރު ރާސްތާ ޕްލޭނާއެކު މުސްތަގުބަލް އުޖާލާވާނެ: ރާފިޢު


ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި އެކުލަވާލުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ ދުރު ރާސްތާ ޕްލޭނާއެކު މުސްތަގުބަލް އުޖާލާވެގެންދާނެ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

މި ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މި މަހުގެ ކުރީކޮޅު ވަނީ ބައިނަލްއަގުވާމީ ކުޅިވަރު ތަޖުރިބާކާރުންނާއި ރާއްޖޭގެ ކުޅިވަރުގެ އެކި ފަންތީގެ ބޭފުޅުންނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ.

ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގުރާމުގައި ދުރު ރާސްތާ ޕްލޭނުގެ ތަފުސީލު ހިއްސާކުރައްވަމުން ރާފިޢު ވިދާޅުވީ ކޮންމެ ކަމެއްގައިވެސް ފެންނަނީ އުމްރާނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނުއުމަށް މަސައްކަތްކުރުން ކަމަށާއި، އެކަންކަންވެސް ރަނގަޅަށް ކުރެވޭނީ ރަނގަޅު ނިޒާމެއް ގާއިމުކުރެވިގެން ކަމަށެވެ.

މި ނިޒާމު ގާއިމުކުރުމަށް ކޮންސަލްޓަންޓުންގެ ގޮތުގައި މަސައްކަތްކުރަނީ ދުނިޔޭގެ ފެންވަރުގެ އެކި ގައުމުތަކުގައި ކުޅިވަރު ޕްރޮގްރާމުތައް ހިންގާފައިވާ ބޭފުޅުންކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެފަދަ ތަޖުރިބާކާރުން މި ޕްލޭން ހެދުމުގައި މަސައްކަތުގައި ބައިވެރިވުމަކީ ލިބުނު ކުރިއެރުމެއް ކަމަށްވެސް ވިދާޅުވިއެވެ.

"
އެ ބޭފުޅުން ވަޑައިގެންނެވިއިރުގައި އަޅުގަނޑުމެންގެ ސިސްޓަމް އާއި މާހައުލާ އެއްގޮތަށް އެކަންކުރާނީ ކިހިނެއްތޯ ބެލުމަށް ކުރި ކަމަކީ އަޅުގަނޑުމެންގެ ސްޓޭކް ހޯލްޑާސްއާ މީޓްކުރީ.
ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްގެންނެވެ. ރާފިޢު ވިދާޅުވީ މި މަސައްކަތުގައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށާއި، އަދި ކުޅިވަރުގައި ހަރަކާތްތެރިވި ވެޓެރަންސް ކުޅުންތެރިންގެ ފަރާތުންވެސް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ސިޓީތަކަށްވެސް މި ޓީމުން ޒިޔާރަތްކުރެއްވިކަން ފާހަގަކުރައްވަމުން ރާފިޢު ވިދާޅުވީ ރަށްރަށުގައި ކުޅިވަރު ޕްރޮގްރާމުތައް ހިންގާ ގޮތުގެ ތަފްސީލު ޓީމުން ހޯދި ކަމަށެވެ. އަދި މި ވަގުތު ޕްލޭން އެކުލަވާލުމަށް ކުރަމުންދާ މަސައްކަތަކީ ބްލޫ ޕްރިންޓެއް އެކުލަވާލުމުގެ މަސައްކަތް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ކުޅިވަރަށް އޮތް ފުރުސަތުތަކާ ބެހޭގޮތުން ރާފިޢު ވަނީ ދާދި ފަހުން ބައްދަލުވުންތަކެއް ބާއްވާފައެވެ. އަދި ކޮންމެ މަޝްވަރާއެއްގައިވެސް ރާފިޢުގެ ޚާއްސަ އަމާޒަކީ ކުޅިވަރު އަނެއް ހަރުފަތައް ގެންދަން ކުރަންޖެހޭ މަސައްކަތްތަކަށް ގޮތްތަކެއް ނޫނީ އިތުރު ފުރުސަތުތަކެއް އެކި ގޮތްގޮތުން ހޯދުމެވެ.