ޚަބަރު

އެސްޑީއެފްސީން އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަ ލޯނަކާއި ލީސިންގ ސްކީމެއް


  • އަލަށް ތައާރަފްކޮށްފައިވަނީ "ފަށާ މަދަދު" ލޯން އަދި "ފަށާ މަދަދު – ލީސިންގ" ސްކީމް

  • މިއީ އަންހެނުންނަށް ޚާއްސަ 100 މިލިއަން ރުފިޔާގެ ލޯނު އަދި ލީސިންގ ސްކީމެއް

  • އަންނަ މަހު މި ލޯނުތައް ދޫކުރުން ފަށާނެ

ދިވެހި އަންހެނުންގެ ވިޔަފާރިތައް އިތުރަށް ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އާއި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން "ފަށާ މަދަދު" ލޯނާއި "ފަށާ މަދަދު – ލީސިންގ" ސްކީމް ތަޢާރަފުކޮށްފިއެވެ.

ނޭޝަނަލް ސެންޓަރ ފޮ އިނފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ އޮޑިޓޯރިއަމްގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވައި އައު ޕްރޮޑަކްޓްސްތައް އިފްތިތާހުކޮށްދެއްވީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދެވެ.

އަލަށް އިފްތިތާހުކޮށްފައިވާ އަންހެނުންނަށް ޚާއްސަ 100 މިލިއަން ރުފިޔާގެ ލޯނު އަދި ލީސިންގ ސްކީމަކީ ހަފްތާ 14ގެ ވަޢުދު ފުއްދުމުގެ ގޮތުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. ލޯނު އަދި ލީސިންގ ސްކީމު އިފްތިތާހުކޮށްދެއްވާ ވަޒީރު ސައީދު ވިދާޅުވީ މިފަދަ ސްކީމްތަކާއެކު އަންހެނުންނަށް ވިޔަފާރީގެ ފުރުޞަތުތައް ފަހިވެގެންދާނެ ކަމަށެވެ. އަދި އެ ފުރުޞަތުގެ ބޭނުން ހިފުމަށް ވަޒީރު ވަނީ އެދިވަޑައިގަންނަވާފައެވެ.

"އަންހެން ބޭފުޅުންގެ އަރިހުން މި އެދެނީ، މި ޕްރޮގްރާމުގެ ބޭނުން ފުރިހަމައަށް ހިއްޕަވައިގެން، އިޤްތިސާދީ ނަފާވެރިކަމެއް އުފެއްދޭނޭ، ތި ބޭފުޅުން އަމިއްލަ ފައިމައްޗަށް ވިޔަފާރިއަކާއި އެކު ތެދުވެވޭނެ މަސައްކަތެއް، ފައްޓަވާށޭ، ލިމިޓޭޝަންސް ހުއްޓަސް، ކޮންމެވެސް ވަރެއްގެ މަސައްކަތެއް ފެށީމައި، ރި ފައިނޭންސް ކުރުމުގެ ފުރުސަތުތައް ހުޅުވިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ. އަދި ވިޔަފާރިވެރިން އުފައްދާ ތަކެއްޗަށް މާކެޓު ހޯދައިދިނުމަށް ވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އެ ހަފްލާގައި އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ފިފްޝީން ޢަލީ ވިދާޅުވީ ކުދި ވިޔަފާރިތަކުގައި އެންމެ ގިނައިން ހަރަކާތްތެރިވަނީ އަންހެނުން ކަމަށެވެ. އެހެން ނަމަވެސް އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނިކުތުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާ ހޯދުމުގެ ދަތިކަން ކަމަށް ފިފްޝީން ވިދާޅުވިއެވެ.

"މި ލޯން ސްކީމުގެ %25 ޚާއްޞަ ކުރެވިފައި ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ އަންހެން ބޭފުޅުންނަށް، އެ ފަރާތްތަކަށް ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ފުރުސަތު ލިބިގެންދާނެ، އަދި މާލީ ޙާލަތު ކަށަވަރުނުވުމުން ލޯނު ނުލިބޭ ފަރާތްތަކަށްވެސް އެ ލޯން ސްކީމުގެ ތެރެއިން ފުރުސަތު ފަހިވެގެންދާނެ،" ފިފްޝީމް ވިދާޅުވިއެވެ.

"ފަށާ މަދަދު" ލޯނުން ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައި ވަނީ އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ކޮންވެންޝަނަލް ބޭންކުތަކުން ޚިދުމަތް ލިބިދިނުމުގައި ދަތިތައް ދިމާވާ ފަރާތްތަކަށެވެ. އޭގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި ފަސް 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެސްޑީއެފްސީއިން ވިދާޅުވީ ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެ ކަމަށެވެ. އަދި ލޯނު އަނބުރާ ދެއްކުމަށްޓަކައި 7 އަހަރު ދުވަހަަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހިފައި ކަމަށެވެ.

"ފަށާ މަދަދު - ލީޒިން" ސްކީމްގެ މަޤްޞަދަކީ ދިވެހި އަންހެނުންގެ ތެރެއިން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކާއި ފްރީލާންސްކޮށް އަދި ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އެ ފަރާތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމަށް ބޭނުންވާ ހަރުމުދާ ގަތުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމެވެ.

އެ ގޮތުން އަހަރަކު 8 އިންސައްތައިގެ އިންޓްރެސްޓާއެކު ލީސިންގ ފައިނޭންސްގެ ގޮތުގައި 10،000 ރުފިޔާއާއި 100،000 ރުފިޔާއާއި ދެމެދުގެ ޢަދަދަކަށް އެ ސްކީމުގެ ދަށުން ކޮންމެ ފަރާތަކަށް ވެސް ހަރުމުދާ ގަނެދެވޭނެއެވެ. އެ ގޮތުން އެ ސްކީމުގެ ދަށުން ހޯދަދެވޭ މުދަލަށް ފައިސާ އަނބުރާ ދެއްކުމަށް ގިނަވެގެން 6 މަސްދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ. އަދި ޖުމްލަ ގޮތެއްގައި 5 އަހަރު ދުވަހަށް ބަހާލައިގެން ފައިސާ އަނބުރާ ދެއްކުމުގެ ލުއި ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް ވެސް އެސްޑީއެފްސީން ވިދާޅުވެއެވެ.

އެ ސްކީމުގެ ދަށުން ވަކި ފަރުދަކަށް ފައިނޭންސް ކުރެވޭ ޢަދަދު ކަނޑައެޅޭނީ އެ ފަރާތެއްގެ ބޭންކް އެކައުންޓުން ކަށަވަރު ކުރެވޭ އާމްދަނީއަށް ބެލުމަށްފަހުގައެވެ. އެސްޑީއެފްސީން ފަށާ މަދަދު ލޯނަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ހަމަ ޖެހިފައިވަނީ އަންނަ މަހުގެ 3ވަނަ ދުވަހުއެވެ. އަދި ފަށާ މަދަދު ލީސިންގަށް އެދި ހުށައެޅުމަށް ހުޅުވާލެވިގެން ދާނީ މާރިޗު މަހުގެ ތެރޭގައި ކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ.