ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އަހަރުގެ އެންމެ ބޮޑު އަމާޒަކީ ރަނގަޅު ޖޫނިއަރ ޓީމެއް އެކުލަވާލުން ކަމަށް އެ އެސޯސިއޭޝިއަނުގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެއެވެ.
"ޕީއެސްއެމް ސްޕޯޓްސް" އަށް ދެއްވި އިންޓަރވިއުއެއްގައި ރަނޭ ވިދާޅުވީ އަމާޒަކީ ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ މުބާރާތުގައި ރަނގަޅު ވާދައެއްކުރެވޭ ފެންވަރުގެ ޓީމެއް އެކުލަވާލުން ކަމަށާއި، އެ އަމާޒަށް ވާސިލުވުމަށް އަންހެން އަދި ފިރިހެން ޓީމެއް އެކުލަވާލާނެ ކަމަށެވެ. އަދި އެ ޓީމު ވެގެންދާނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ސަރަހައްދުގައި ރަނގަޅު ޓީމަކަށް ކަމަށްވެސް ވިދާޅުވިއެވެ.
ބީޗް ވޮލީބޯޅައިގައި ރާއްޖޭއަށް ލިބިފައި އޮތް ރަން މެޑަލް ދިފާއުކުރަންޖެހޭ ކަމަށާއި، ކާވާގެ އަންހެން މުބާރާތުގައި ދިވެހި އަންހެން ޓީމެއް ބައިވެރިކުރެވިފައި ނުވާތީ، މި ފަހަރުގެ އަމާޒަކީ ކާވާގެ އަންހެން މުބާރާތުގައި ބައިވެރިވެ މެޑަލް ހޯދުން ކަމަށްވެސް ރަނޭ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މި އަހަރު އެންމެ ބޮޑު ފޯކަސްއެއް މި އިނީ މި އަހަރު ސެންޓްރަލް އޭޝިއަން ޒޯނަލް ވޮލީ މުބާރާތަށް. ޖޫނިއަރ ޓީމެއް މުބާރާތުގައި ބައިވެރިކޮށްގެން ރަނގަޅު ފައިޓެއް ދީ، އެ ޓީމު ކުރިއަށް އޮތް ފަސް އަހަރެއްގެ ތެރޭގައި ރީޖަންގައި ރަނގަޅު ފައިޓެއްދެވޭ ވަރުގެ ޓީމަކަށް ހެދުން.މުޙައްމަދު ރަނޭޝް (ރަނޭ) - ވީއޭއެމުގެ ރައީސް
ވީއޭއެމުން ދާދި ފަހުން ވަނީ 18 އަހަރުން ދަށާއި 20 އަހަރުން ދަށުގެ ގައުމީ ޖޫނިއަރ ވޮލީބޯޅަ ޓީމުތައް އެކުލަވާލުމަށް ސެލެކްޝަންއަށް ހުޅުވާލާފައެވެ. ދެ އުމުރުފުރާގެ އަންހެން އަދި ފިރިހެން ޓީމު އެކުލަވާލާއިރު، މި ސެލެކްޝަން ކުރިއަށްދާނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.