މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ ކޯ-ސްޕޮންސަރ އަކަށް ދެކެދެކެވެސް


މޯލްޑިވިއަން އައިޑަލްގެ ކޯ-ސްޕޮންސަރަކަށް ދެކެދެކެވެސް ޕްރޮޑަކްޝަން ހަމަޖައްސައިފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު އިންޓަރނޭޝަނަލް ޓީވީޝޯގެ ކޯސްޕޮންސަރަކަށް ދެކެދެކެވެސް ޕްރޮޑަކްޝަން ހަމަޖެއްސުމާއި ގުޅިގެން ދެކެދެކެވެސް ޕްރޮޑަކްޝަންގެ ވެރިޔާ މުޙައްމަދު ޢަބްދުﷲ ވިދާޅުވީ، ރާއްޖޭގެ އެންމެ ގިނަ ބަޔަކު މިހާރު ބަލާ ޝޯއަކީ މޯލްޑިވިއަން އައިޑަލްކަމަށެވެ. އެހެންކަމުން މުނިފޫހި ފިލުވުމުގެ ދާއިރާގެ އުފެއްދުމެއް އިޝްތިހާރު ކުރުމަށް މޯލްޑިވިއަން އައިޑަލްއަށްވުރެ ރަނގަޅު ޕްލެޓްފޯމެއް ނެތްކަމަށް ޤަބޫލުކުރައްވާކަމަށް މުޙައްމަދު ޢަބްދުﷲ ވިދާޅުވިއެވެ.

ދެކެދެކެވެސް ޕްރޮޑަކްޝަނުން މިހާރު ދަނީ އެމީހުންގެ އެންމެފަހު ފިލްމު "ވަފާތެރި ކެހިވެރިޔާ" އަންނަމަހު 10 ވަނަ ދުވަހު އެޅުވުމަށް ތައްޔާރަވަމުންނެވެ. ހަމަ އެއާއެކު ފިލްމުގެ ޕްރިމިއަރ ޝޯވގައި މޯލްޑިވިއަން އައިޑަލްގެ ގަދަ 5 ބައިވެރިންގެ ހުށަހެޅުންތައް ފެނިގެންދާނެ ކަމަށް މުޙައްމަދު އަބްދުﷲ ވިދާޅުވިއެވެ. މޯލްޑިވިއަން އައިޑަލްގެ ކުރިއަށް ހުރި ޝޯތަކުގައި ފިލްމުގެ ޕްރޮމޯޝަނަލް ޙަރަކާތް ފެނިގެންދާނެ ކަމަށް ދެކެދެކެވެސްއިން ބުނެއެވެ.

މިއީ ފިލްމް އިންޑަސްޓްރީގެ ފަރާތުން މިފަދަ ޝޯވއަކަށް ހުށައެޅިގެންދިޔަ އެންމެ ބޮޑު ސްޕޮންސަރޝިޕްގެ ގޮތުގައި ޕީ.އެސް.އެމުން ވަނީ ފާހަގަކޮށްފައެވެ. އަދި ފިލްމް އިންޑަސްޓްރީއާއި އަދިވެސް މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއްގެ ތަރުޚީބު މޯލްޑިވިއަން އައިޑަލްގެ ޝޯވތަކަށް ލިބެމުންދާކަމަށް ޕީ.އެސް.އެމުން ފާހަގަކުރެއެވެ.