ޚަބަރު

ޚަރަދުތައް 4 ބިލިއަން ރުފިޔާގައި، މިދިޔަ އަހަރަށްވުރެ %30 ދަށް


  • މިދިޔަ އަހަރުގެ ޙަރަދު ހުރީ 5.9 ބިލިއަން ރުފިޔާގައި

  • މިއަހަރުގެ ޙަރަދުގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ހިމެނޭ

  • ކެޕިޓަލް ޚަރަދަށް 905 މިލިއަން ރުފިޔާ ހިިނގާފައިވޭ

މި އަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތައް ހުރީ 4 ބިލިއަން ރުފިޔާގައިކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

މާލީ ވުޒާރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޚަރަދުތައް ހުރި މިންވަރަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދަށް ހިނގާފައިވާ 5.9 ބިލިއަން ރުފިޔާއާއި އަޅާ ބަލާއިރު، 30 އިންސައްތަ ދަށް އަދަދެކެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކުރެވިފައިވާއިރު، ޚަރަދުގެ ތެރޭގައި، ހިމެނެނީ ރިކަރަންޓް ޚަރަދަށް ހިނގި 3.1 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދަށް ހިނގި 905 މިލިއަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމެނޭ 3.1 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ޚަރަދުކޮށްފައިވާ 1 ބިލިއަން ރުފިޔާއާއި، އިދާރީ ހިންގުމަށް ހިނގާފައިވާ 2.1 ބިލިއަން ރުފިޔާއެވެ.

ކެޕިޓަލް ޚަރަދުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދެވެ.

މާލީ ވުޒާރާގެ ރިޕޯޓުގައިވާގޮތުން އަހަރުގެ މިހާތަނަށް ދައުލަތަށް 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

ދައުލަތަށް ލިބިފައިވާ އާމްދަނީގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 3.9 ބިލިއަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީގެ ތެރޭގައި ހިމެނޭ 505 މިލިއަން ރުފިޔާ، އެހީގެ ގޮތުގައި ލިބިފައިވާ 9.9 މިލިއަން ރުފިޔާ ހިމެނެއެވެ.

ޓެކްސް ޢާމްދަނީގެ ތެރޭގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އިމްޕޯޓު ޑިއުޓީއާއި، ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، ބީޕީޓީއާއި ގުޑްސް އެންޑް ސަރވިސް ޓެކްސް، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، ދައުލަތުގެ ޚަރަދަށްވުރެ އާމްދަނީ 400 މިލިއަން ރުފިޔާ އިތުރުކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.