ދުނިޔެ

ގަލްފްގެ ޤައުމުތައް ގުޅިގެން މަސައްކަތްކުރަން އޮބާމާ ގޮވާލައިފި


ސިޔާސީ ދެބަސްވުންތައް ހުރިނަމަވެސް އީރާނާއި އިރާގާއި އަދި ގަލްފުގެ އަރަބި ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ، އެގައުމުތަކަށް ގޮވާލައްވައިފިއެވެ. 

ގަލްފުގެ އަރަބި ގައުމުތަކާއި އެމެރިކާގެ އިސްވެރިންގެ ސަމިޓް ނިންމާލުމަށްފަހު ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒްގައި ދެއްވި ބަޔާނެއްގައި އޮބާމާ ވިދާޅުވީ އީރާނާ މުއާމަލާތް ކުރުމުގައާއި އިރާގުގައި އެއްބައިވަންތަކަމުގެ ސަރުކާރެއް ދެމެހެއްޓުންފަދަ ކަންކަމުގައި އެއްބާރުލުން ދިނުމުގެ ގާބިލްކަން ލިބިފައިވާ ގައުމުތަކަކަށް ގަލްފުގެ އަރަބި ގައުމުތައް ވާންޖެހޭނެކަމަށެވެ.

ސައޫދީ އަރަބިޔާގެ ވެރިރަށް ރިޔާޒްގައި ބުރާސްފަތި ދުވަހު ނިމުނު ގަލްފުގެ އަރަބި ގައުމުތަކާއި އެމެރިކާގެ ސަމިޓްގައި މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި ސޫރިޔާއާއި ޔަމަންގެ ދާޚިލީ ހަނގުރާމަތަކާއި ޓެރަރިޒަމްގެ މައްސަލައާއި އީރާނާއި ގަލްފުގެ ގައުމުތަކާ ދެމެދުގައިވާ ނުތަނަވަސްކަމުގެ މައްސަލައިގެ އިތުރުން ގަލްފުގެ ގައުމުތަކާއި އެމެރިކާއާ ދެމެދު އޮންނަ ސްޓްރެޓީޖިކް ގުޅުންތައް ދެމެހެއްޓުން ހިމެނެއެވެ. 

މިސަމިޓުން ނެރުނު ގުޅިފައިވާ ބަޔާނުގައި ގަލްފުގެ ގައުމުތަކާއި އެމެރިކާއާ ދެމެދުގައިވާ ސްޓްރެޓީޖިކް ގުޅުންތަކުގެ ބޭނުންކޮށްގެން މެދުއިރުމަތީގައި ހަމަޖެހުމާއި ސުލްހައާއި ގާއިމް ކުރުމަށް އެއްބަސްވެ އިގުރާރުވެފައިވެއެވެ. މިބަޔާނުގައި އީރާނުން ސަރަހައްދުގެ ހަމަޖެހުމަށް ބުރޫއަރާފަދަ އަމަލުތައް ހިންގާކަމަށްބުނެ އެފަދަކަންކަމާމެދު ހޭލާ ތިބުމަށް ގޮވާލާފައިވެއެވެ. އަދި އީރާނުގެ މަދަދުލިބޭ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ސިފަކޮށް އީރާނުގެ ބެލަސްޓިކް މިސައިލް ޕްރޮގްރާމެދު ކަންބޮޑުވާކަން ހާމަކޮށްފައިވެއެވެ. 

ނަމަވެސް ސަމިޓަށްފަހު ރިޔާޒުން ފުރާވަޑައިގަތުމުގެ ކުރިން ދެއްވި ބަޔާނުގައި އޮބާމާވަނީ އީރާނާ މުއާމަލާތްކުރާނެ ގޮތްތަކާމެދު އެމެރިކާއާއި ގަލްފުގެ ގައުމުތަކާދެމެދު ބޮޑެތި ދެބަސްވުންތައް ހުރިކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. އޮބާމާވަނީ އެއްވެސް ގައުމެއްގައި އެގައުމެއްގެ ރައްޔިތުންގެބަޔަކު ވަކި މަޛްހަބަކަށް ނިސްބަތްވާތީ އެމީހުން ނިކަމެތިކޮށްލެވޭނަމަ އެގައުމެއް ހަލާކުވެގެންދާނެކަމަށް ވިދާޅުވެ ގަލްފުގެ ގައުމުތަކާއި އިރާގާއި އީރާނުގައި އޮންނަ މަޛްހަބީ ތަފާތުކުރުންތަކާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.

ރިޔާޒްގައި ނިމިގެން މިދިޔައީ އެމެރިކާއާއި ގަލްފުގެ ގައުމުތަކުގެ އިސްވެރިންގެ ދެވަނަ ސަމިޓެވެ. ގަލްފުގެ އަރަބި ގައުމުތަކާއި އެމެރިކާގެ އިސްވެރިންގެ ސަމިޓް ބައްދަލުވުންތައް ފަށާފައިމިވަނީ އެމެރިކާއާއި ވިލާތުގެ ގައުމުތަކުން އީރާނާ ގާތްވުމުގެ ސިޔާސަތެއް ގެންގުޅެން ފެށުމާގުޅިގެނެވެ. މިސިޔާސަތާއެކު އެމެރިކާ އިސްވެއޮވެ ކުރި މަސައްކަތްތަކެއްގެ ސަބަބުން އީރާނުގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރެވި އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭން ގިނަ ފިޔަވަޅުތައްވަނީ އުވާލާފައެވެ. 

ގަލްފުގެ ގައުމުތަކަކީ އެގައުމުތަކުގެ ދިފާއީ ކަންތައްތަކާއި އިގްތިސާދާއި ވިޔަފާރިއާ އަދި ތަރައްގީގައި އެމެރިކާއަށާއި ވިލާތުގެ ގައުމުތަކަށް ވަރަށްބޮޑަށް ބަރޯސާވާ ގައުމުތަކެެކެވެ. އީރާނަކީ ގަލްފަށް އޮތް ބިރެއްކަމަށް އެގައުމުތަކުން ދެކޭތީ އެމެރިކާއާއި ވިލާތުގެ ގައުމުތައް އީރާނާ ގާތްވަމުން ދިޔުމަކީ ގަލްފުގެ ގައުމުތައް ވަރަށް ކަންބޮޑުވާކަމެކެވެ. ނަމަވެސް ގަލްފުގެ ގައުމުތަކުގެ މިކަންބޮޑުވުންތަކާމެދު އެމެރިކާވެސް އަދި ވިލާތުގެ ގައުމުތައްވެސް މާބޮޑަށް އަޅާލާފައެއް ނުވެއެވެ. އީރާނުގެ ބައެއް އަމަލުތައް ކުށްވެރިކުރުމުގައި އެމެރިކާއާއި ގަލްފުގެ ގައުމުތައް އެއްގަލަކަށް އެރިނަމަވެސް އީރާނާ މުއާމަލާތް ކުރުމުގައި އެމެރިކާއާއި ގަލްފުގެ ގައުމުތައް ދެކޭގޮތް ކުރިޔާއަޅާބަލާއިރު މިހާރު ތަފާތުކަން ރިޔާޒްގައި ބޭއްވި ސަމިޓުންވެސްވަނީ ހާމަވެގެންގޮސްފައެވެ.