ޚަބަރު

މުރައިދޫ ބަނދަރު ހުއްޓިފައި އޮތީ މަޖިލީހުން ބަޖެޓް ނުދިނުމުން: ރައީސް


  • މަޖިލީހުން އެ މަސައްކަތަށް ބަޖެޓް ނުދިނުމުން ރައީސް ކަންބޮޑުވުން ފާޅުކުރެއްވި

ހއ. މުރައިދޫ ބަނދަރު ހެދުމުގެ މަސައްކަތް ހުއްޓިފައި އޮތީ ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ބަޖެޓް ފާސްކުރިއިރު ބަނދަރުގެ މަސައްކަތަށް ބޭނުންވާ ފައިސާ ބަޖެޓްގައި ހިމަނާފައި ނެތުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މުރައިދޫ ބަނދަރުގެ މަސައްކަތް ލަސްވެފައިވާ ސަބަބާއި ގުޅޭގޮތުން އެ ރަށު މީހަކު އެމަނިކުފާނަށް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ހއ.މުރައިދޫ އަންގޫރުމާގޭ ޙަސަން ރިޔާޝް ރައީސުލްޖުމްހުރިއްޔާއަަށް ދެންނެވި ސުވާލުގައި ވަނީ މުރައިދޫ ބަނދަރުގެ ދަތިކަމާއި އެކަމުން ކުރިމަތިވާ އުނދަގޫތައް ހިއްސާކޮށްފައެވެ. އަދި ބަނދަރު ހެދުމުގެ މަސައްކަތް ފެށޭނެ ދުވަހަކާއި ގުޅޭގޮތުން ރިޔާޝް ރައީސުލްޖުމްހުރިއްޔާއަަށް ސުވާލު ދެންނެވިއެވެ.

"އިރުވައި މޫސުމުގަ އަޅުގަނޑުމެންނަށް ބަނދަރުގެ ދަތިކަމުގެ ސަބަބުން ބަނދަރު އެއްވެސް ހާލަތެއްގަ ބޭނުމެއް ނުކުރެވޭ. ދެން މިހާރު އައި ރާޅާ އެކީގަ ބޭރުތޮށި އެއްކޮން އޮތީ ރޫޅިފަ. ދެން މިހާރު އެ ބަނދަރަށް އަޅުގަނޑުމެން އެބަ ބޭނުންވޭ ދާއިމީ ހައްލެއް." ރިޔާޝް ބުންޔެވެ.

ރިޔާޝްގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ މިމަސައްކަތް ހުއްޓިފައި އޮތީ މަޖިލީހުން ބަޖެޓް ފާސްކުރިއިރު މަސައްކަތް ކުރިއަށް ގެންދެވޭ ވަރަށް ބަޖެޓްގައި ފައިސާ ހިމަނާފައި ނެތުމުން ކަމުގައެވެ. ރައީސް ވިދާޅުވީ މިފަހަރުގެ ބަޖެޓް ހެދިއިރުގައި މަޖިލީހުން ކޮއްފައި އޮތީ މީގެކުރިން ދުވަހަކު ކޮއްފައިނުވާ ކަމެއް ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށްދާ މަޝްރޫއެއްނަމަ، އެ މަޝްރޫއެއް ނިންމޭ ވަރަށް ބަޖެޓްގައި ފައިސާ ހިމަނާނެ ކަމަށާއި އަދި އަލަށް ފަށާ މަޝްރޫތައް ހިންގުމަަށް ބޭނުންވާ ފައިސާވެސް މަޖިލީހުން މީގެކުރިން ބަޖެޓުގައި ހިމަނާފައިވާކަމަށެވެ. ނަމަވެސް މިއަހަރަށް ބަޖެޓް ފާސްކުރިއިރު ހިނގަމުންދާ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ވަރަށްވެސް ފައިސާ ހިމަނާފައިނުވާކަމަށާއި މިއީ މީގެކުރިން މަޖިލީހުން ދުވަހަކުވެސް އަމަލުކޮށްފައިވާ ގޮތެއް ނޫންކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

"އަލަށް ފަށާ މަޝްރޫއެއް ވިއްޔާމު ބައެއްފަހަރު 15 ޕަސެންޓް ކިރިޔާ ދެވޭވަރަށް ހިމަނަފާނެ. އެކަމް މިފަހަރު ހިިނގަހިނގާހުރި މަޝްރޫތަކަށް އެބަހުރި އެންމެ ބިލެއް ދެއްކޭވަރަށް ވެސް، އެންމެ 2 ނޫނީ 3 ބިލް ކިރިޔާ ދެއްކޭ ވަރަށް އެންމެ ގިނައިން މިހުރީ. އެހެންވީމަ ނުހިންގިފަ މިހިރީ." ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މުރައިދޫގައި ބަނދަރެއް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ނިމިދިޔަ ސަރުކާރުން ފެށީ 2021 ވަނަ އަހަރުއެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުގެ ވެރިކަން ނިމުނުއިރުވެސް ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ބަޖެޓްގައި ނުހިމެނުމަކީ މަޖިލީހުން ނިންމި ގޯސް ނިންމުމެއްކަމަށާއި އެއީ ބަލައިގަނެވޭނެކަމެއް ނޫންކަމަަށެވެ. އަދި މުރައިދޫ ބަނދަރަށް ބޭނުންވާ ފައިސާ މަޖިލީހުން ހަމަޖައްސައި ނުދިންނަމަވެސް، ރައްޔިތުން ބޭނުންވާ ގޮތަށް މުރައިދޫ ބަނދަރު ސަރުކާރުން ތަރައްޤީކޮށްދެއްވާނެކަމަަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ..