ޚަބަރު

ޤައުމީ ތާރީޚު ދުވަހާ ގުޅުވައިގެން ޢިލްމީ ދަންފަޅިއެއް ބާއްވައިފި


  • މި ދަންފަޅީގައި ތާރީޚުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވޭ

  • ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ޕެނަލް ޑިސްކަޝަނެއް ބާއްވާފައިވޭ

  • ޤައުމީ ތާރީޚު ދުވަހަކީ ކޮންމެ އަހަރެއްގެ ފެބްރުއަރީ 27

ޤައުމީ ތާރީޚު ދުވަހާ ގުޅުވައިގެން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން ޢިލްމީ ދަންފަޅިއެއް ބާއްވައިފިއެވެ.

ރޭ އިސްލާމިކް ޔުނިވަރސިޓީ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ދަންފަޅީގައި ދިވެހި ތާރީޚާ ގުޅޭގޮތުން ވަނީ މަޢުލޫމާތު ދީފައެވެ. އެގޮތުން ދިވެހި ތާރީޚުގައި ހިނގާފައިވާ މުހިންމުކަންކަމާއި ގުޅޭގޮތުންނާއި، ތާރީޚު މުހިންމުވާ ސަބަބުތަކާއި ތާރީޚު ދެމެހެއްޓުމުގެ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވާކަމަށް އެކެޑަމީން ހާމަކުރެއެވެ. މަޢުލޫމާތު ދެއްވީ އައްޝައިޚް އިބްރާހީމް އަޙްމަދެވެ.

މަޢުލޫމާތު ދިނުމުގެ އިތުރުން މިދަންފަޅީގައި ބައިވެރިވި ދަރިވަރުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ޚާއްސަ ޕެނަލް ޑިސްކަޝަނެއްވެސް ވަނީ ބާއްވާފައެވެ. އެގޮތުން ދިވެހި ތާރީޚާ ގުޅޭގޮތުން ދަރިވަރުންގެ ސުވާލުތަކަށް ޕެނަލްއިން ވަނީ ޖަވާބުދީފައެވެ. މި ޕެނަލްގައި ހިމެނެނީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމާއި އައްޝައިޚް އިބްރާހީމް އަޙްމަދާއި ވޮރަންޓު އޮފިސަރ 3 ރިޓަޔަރޑް ޖައުފަރު ޢަބްދުއްރަޙުމާނެވެ.

ޤައުމީ ތާރީޚު ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ ދިވެހި ތާރީޚަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އަލްޣާޒީ ޙަސަން ތާޖުއްދީން ދުނިޔެ ދޫކުރެއްވި ދުވަހާ ގުޅުވައިގެންނެވެ.

އެންމެ ފުރަތަމަ ޤައުމީ ތާރީޚު ދުވަހެއް ފާހަގަކުރީ 2018 ވަނަ އަހަރުއެވެ. މިއީ ރާއްޖޭގައި ފާހަގަކުރާ 7 ވަނަ ތާރީޚު ދުވަހެވެ.