ޚަބަރު

ބާރަށު ކާނިގަހުގައި ރޯކޮށްލި ފަރާތްތައް ހޯދުމަށް ރަސްމީކޮށް އެދިއްޖެ


  • ރޯކޮށްލި ފަރާތްތައް ހޯދުމަށް ތަރިކަ ރައްކާތެރިކުރާ މަރުކަޒުން ދަނީ މަސައްކަތްކުރަމުން

  • ތަރިކައިގެ ޤާނޫނުގެ ދަށުން މައްސަލާގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ

ހއ. ބާރަށު ހުރި 450 އަހަރަށްވުރެ ގިނަ ދުވަސްވީ ކާނިގަހުގައި ރޯކޮށްލި ފަރާތްތައް ހޯދުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިއްޖެއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ދިވެހި ޤައުމުގެ މުހިންމު ސަގާފީ އަދި ޤުދުރަތީ ތަރިކައެއް ކަމުގައިވާ ބާރަށު ކާނިގަހުގައި ބަޔަކު ހުޅުޖަހާ ގަހުގެ ބޮޑު ބައެއް އަންދާލާފައިވާކަން އެ މަރުކަޒުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފެންމަތިވުމާ ހަމައިން ފުލުހުންނާއި ބާރަށު ކައުންސިލް ގުޅިގެން ގަހުގައި ހުޅުޖެހި ފަރާތެއް ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެމަރުކަޒުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މި މައްސަލާގައި ޒިންމާވާ ފަރާތްތަކާމެދު ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅުއެޅުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވަނީ ދިވެހިންގެ ތާރީޚާއި ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަމާނާތެއްކަމަށާއި މި އަމާނާތް އަދާކުރުމުގައި ފަރުދީ ފެންވަރުގަޔާއި ކަމާގުޅޭ އިދާރާތަކުގެ ފެންވަރުގައި އެ މަރުކަޒަށް އެއްބާރުލުންދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

ހއ. ބާރަށުގެ ޒަމާންވީ ކާނިގަހަކީ އެރަށު ޢީދުކުޅޭ މަގުގައި ހުންނަ ގަހެކެވެ. މިގަހަކީ ޕޯޗުގީޒުންނާ ދެކޮޅަށް ކުރެއްވި ޖިހާދުގައި މުޙައްމަދު ތަކުރުފާނު ބޭނުންކުރެއްވި އޮޑި ކަމަށްވާ ކަޅުއޮށްފުންމި އަލަށް ބަދެގެން ފަނު ރިޔާ ފެއްސެވުމަށް ޖެއްސެވި ކާނި ކަޑައިގެތެރެއިން އެއް ކަޑައިން ފަޅާފައިވާ ގަހެއްކަމަށް ތާރީޚީ ޢިލްމުވެރިން ވިދާޅުވެއެވެ.