ޚަބަރު

އެއަރ އެމްބިއުލާންސްގެ ޚިދުމަތާއެކު ރައްޔިތުންގެ ހިތްތަކަށް ފިނިކަން ގެނެސްދީފި: އާދަމް ޝަރީފް


  • މި ޚިދުމަތާއެކު ބަލި މީހުން އުފުލުމަށް އުފުލި ބޮޑު ތަކުލީފަށް ނިމުން އައިކަމަށް ވިދާޅުވި

  • ލޯކަލް ކައުންސިލްތައް ކުރިއަރުވަން ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މައްޗަށް ބައްލަވާލެއްވި

  • ކައުންސިލްތައް ބާރުވެރިކުރުމަށް ސަރުކާރުން ވަނީ ގިނަ ކަންކަންކުރުމަށް ނިންމާފައިކަމަށް ވިދާޅުވި

ދާދިފަހުން ސަރުކާރުން ތަޢާރަފްކުރި އެއަރ އެމްބިޔުލާންސްގެ ޚިދުމަތާއެކު އަތޮޅުތަކުގެ ރައްޔިތުންގެ ހިތްތަކަށް ފިނިކަން ގެނެސްދީފިކަމަށާ، މިއީ ރައްޔިތުން އުފުލަމުންއައި ޒަމާންވީ ތަކުލީފެއްހެ ނިމުންކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަރީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރ،އަތޮޅާއި ބ.އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ.މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ މީގެ ކުރިން އަތޮޅުތަކުން ޙާލުބޮޑު ބަލިމީހުން ތަންތަނަށް އުފުލުމުގައި އެކަށީގެންވާ ނިޒާމެއް ނެތްކަމަށެވެ. އެހެންކަމުން ވަލިމީހުން އުފުލުމުގައި އޭރު ލަސްވާ ލަސްވުމަކީ ރައްޔިތުންނަށް އެތައް ތަކުލީފަކައި ހިތްދަތިކަމެއް އިޙްސާސްކުރުވި ކަމެއްކަމަށެވެ. އަދި ހިތާމަވެރި އެތައް ޙާދިސާއެއް ކުރިމަތިވެ ހިތްދަތިކަމާއި ހިތާމަތައް ރައްޔިތުންނަށް ކުރިމަތިވީ ޙާލަތްތަކުގެ މައްޗަށް ވަޒީރު ވަނީ ބައްލަވާލައްވާފައެވެ.

އޭނާ ވިދާޅުވީ އެއަރ އެމްބިޔުލާންސްގެ ޚިދުމަތް ފެށުމާއެކު ރައްޔިތުން ކުރިން އުފުލި ބޮޑު ތަކުލީފާއި އުނދަގޫތަކަށް ހައްލުލިބި، ރައްޔިތުންގެ ހިތްތަކަށް ފިނިކަން ގެނެސްދީފައިވާކަމަށެވެ.

"މީގެ ކުރިން ބަލި މީހުން އުފުލުމަކީ ބޮޑު ތަކުލީފަކަށް ވެފައި އޮތް ކަމެއް. މިވީ ކުޑަ މުއްދަތުގެ ތެރޭގައި އެއަރ އެމްބިޔުލާންސް ތަޢާރަފްކުރައްވާ، ރައްޔިތުންގެ ހިތްތަކަށް ބޮޑު ފިނިކަމެއް ރައީސް އެ ގެނެސްދެއްވީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފް ވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވަން ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. އެގޮތުން 50 ކައުންސިލްގެ ޢިމާރާތް ޒަމާނީ ފެންވަރަށް ހައްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވެފައިވާ ވިދާޅުމުގެމައްޗަށް ވަޒީރު އަލިއަޅުވާލެއްވިއެވެ. އަދި ވޭތުވެދިޔަ ވެރިކަންތަކުގައި ކައުންސިލް އިދާރާތައް ހިންގަމުންދިޔަ ޢިމާރާތްތައް މަރާމާތުކޮށް އައު ކުރުމުގައި އެދެވޭ ހައްލެއް ގެނެސްދެއްވާފައިނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"50 ކައުންސިލް އިދާރާއެއްގެ ޢިމާރާތް ހައްދަވާދެއްވާނެކަމަށް ރައީސް އިޢުލާނުކުރެއްވުމުން ވަރަށް ގިނަ ކައުންސިލްތަކުން ގުޅަމުންދޭ އެ ކައުންސިލްގެ ޢިމާރާތް ހައްދަވާދެއްވުމަށް އެދި. މިދިޔަ ވެރިކަންތަކުން މިކަމަށް އަޅާލި މިންވަރު ކުޑަ ނަމަވެސް، އަދުގެ ރައީސް ވަނީ މިކަން ކޮށްދޭނެކަމަށް ވިދާޅުވެ، ކަން ކޮށްދެވޭނެ ފޯމިޔުލާއެއް އިޢުލާނުކުރައްވާފައި." ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް މި ސަރުކާރުން ގެންދަވަނީ، ސިޔާސަތުތައް ހަރުދަނާކުރައްވައި މުހިންމު ކަންތައްތައް ކަނޑައަޅުއްވާ ފިޔަވަޅުތައް އަޅުއްވަމުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ކައުންސިލްތަކަށް ޢާމްދަނީ ހޯދޭނެ ގޮތަށް ފަޅުރަށްރަށް ދޫކުރުމަށް ރައީސް ނިންމަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.