ޚަބަރު

މާލޭ މަގުމަތީގައި ހުރި ގިނަދުވަސްވީ ވެހިކަލްތައް ނެގުމުގެ ފުރަތަމަ ބައި ނިންމާލައިފި


  • މިމަސައްކަތް ފެށީ މިދިޔަ މަހުގެ 17 ގައި

  • މަސައްކަތުގެ ފުރަތަމަ ބައިގައި ނަގާފައިވަނީ ބައުވެ ހަލާކުވެފައިވާ އުޅަނދު

  • ދެވަނަ ބައިގައި ނަގާނީ ރަޖިސްޓްރީނުކޮށް ހުރި އުޅަނދު

މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނެގުމުގެ ފުރަތަމަ ބުރު ނިންމާލައިފިއެވެ. މިބުރުގައި 158 އުޅަނދުވަނީ ނަގާފައެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނަގާ ނައްތާލުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. މި މަސައްކަތަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި، މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމުގެ ފުރަތަމަ ބައިގައި މާލޭގެ އެކި ހިސާބުތަކުގައި ޕާކްކޮށްފައި ހުރި ގިނަ ދުވަސްވެފައިވާ ވެހިކަލްތަކުގެ ތެރެއިން 4 ފުރޮޅުލީ ވެހިކަލްތައް ނަގާ ނައްތާލުމުގެ މަސައްކަތްވަނީކޮށްފައެވެ. އަދި މި ޕްރޮގްރާމުގެ ދަށުން އަމިއްލައަށް އެދިގެން، އުޅަނދުތައް ނައްތާލަން ބޭނުންވި ފަރާތްތަކަށް އެފުރުޞަތުވެސް ވަނީ ދީފައެވެ.

ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ޕްރޮގުރާމުގެ ދަށުން މަގުމަތިން ނެގި އުޅަނދުތަކުގެ ތެރޭގައި ބައުވެ ހަލާކުވެފައިވާ ކާރާއި ޕިކަޕު ހިމެނޭ ކަމަށެވެ. އަދި އޭގެތެރެއިން ބައެއް އުޅަނދު، ފުޑުފުޑުކޮށްލުމަށްފަހު ތިލަފުއްޓަށް މިހާރު ގެންގޮސްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވީ ދެން ކުރިއަށްދާނީ ވެހިކަލްތައް ނެގުމުގެ މަސައްކަތުގެ ދެވަނަ ބައި ކަމަށެވެ. ދެވަނަ ބައިގައި ނެގުމަށް ހަމަޖެހިފައިވަނީ މާލެއާއި ހުޅުމާލޭގެ މަގުމަތީގައި ބަހައްޓާފައިހުރި ރަޖިސްޓްރީނުކުރާ ވެހިކަލްތައް ކަމަށެވެ. އަދި މި ވެހިކަލްތައް ނެގުމަށްފަހު، ރަޖިސްޓްރީ ކުރެވެންދެން ބިމެއް ކަނޑައަޅާ، އެ ބިމަށް ވެހިކަލް ގެންދެވޭނެ އުޞޫލު ކަނޑައަޅާނެކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ގިނަ ދުވަސްވެފައިވާ ވެހިކަލްތައް މަގުމަތިން ނަގާ ނައްތާލުމުގެ މަސައްކަތެއް ކުރިއަށްގެންދިޔުމުގެ މަޤުސަދަކީ މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ވެހިކަލް ޕާކުކޮށްފައި ހުރުމުން މާލެ ތެރޭ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމެވެ. އަދި ތޮއްޖެހުމުން ދިމާވާ އެކްސިޑެންޓުތައް މަދުކުރުމުކީވެސް މިޕްރޮގުރާމުގެ އެއް މަޤުސަދުކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.