ޚަބަރު

ހުޅުމާލެ ފޭސް 2ގައި ބިނާކުރާ ދާއިމީ މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވާނެ: ޝަހީމް


  • މިއީ 1500 މީހުންގެ ޖާގައިގެ މިސްކިތެއް

  • މިމިސްކިތް ހުޅުވަނީ އަންނަ ހުކުރުދުވަހުގެ ހުކުރު ނަމާދަށް

ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ބިނާކުރާ ފުރަތަމަ ދާއިމީ މިސްކިތް އަންނަ ހުކުރު ދުވަހު ހުޅުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިމިސްކިތް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހު ހުކުރުނަމާދާއެކު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ މި މިސްކިތަކީ 1،500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ކަމަށެވެ. އަދި މިމިސްކިތް ހުޅުވުމުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ކުރިއަށް އޮތް ރަމަޟާން މަހު ބޮޑު ފަސޭހައެއް ލިބޭނެ ކަމަށެވެ.

މި މިސްކިތުގެ އިތުރުން ފޭސް 2 ގައި 2800 މީހުންގެ ޖާގައިގެ މިސްކިތަކާއި، 3000 މީހުންގެ ޖާގައިގެ މިސްކިތަކާއި، 1500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 1162 މީހުންގެ ޖާގައިގެ މިސްކިތެއްގެ ޢަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް ހުޅުވާފައިވަނީ 2021 ވަނަ އަހަރުއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު މީގެ ކުރިން ވިދާޅުވެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިތުރުން ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި އަތޮޅުތެރޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އަދި މާރޗް މަހުގެ 7 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި ބިނާކޮށްފައިވާ 2 މިސްކިތެއް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.