ޚަބަރު

ޒުވާނުންނާ ގުޅޭ ކަންކަން ނިންމުމުގައި ޔޫތު ކައުންސިލުގެ ދައުރު ބޮޑު: ވަޙީދު


  • ޔޫތު ކައުންސިލުގައި މަޝްވަރާކުރެވޭ ކަންކަން ކެބިނެޓަށް ހުށައަޅުއްވާނެކަމަށް ވިދާޅުވި

  • ޔޫތު ކައުންސިލުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ

ޒުވާނުންނާ ގުޅޭ ކަންކަން ނިންމުމުގައި ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް ކައުންސިލުގެ ދައުރު ވަރަށް ބޮޑުކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހަފްތާ-14ގެ މަގު ޗާޓުގައި ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއަށް މަތިކޮށްފައިވާ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އިބްރާހިމް ވަޙީދު ވިދާޅުވީ ޕްރެޒިޑެންޝަލް ޔޫތު ކައުންސިލުގައި ހިމެނޭނީ ޖިންސީ ތަފާތުކުރުމެއް ނެތި، ޤާބިލް ޒުވާނުންތަކެއް ކަމަށެވެ. އަދި މި ކައުންސިލުގައި މަޝްވަރާކުރެވޭ ކަންކަން ޙަޤީޤަތަކަށް ހެދުމަށް، އެކަންކަން ވަޒީރުންގެ މަޖިލީހަށް އެމަނިކުފާނު ހުށަހަޅުއްވާނެކަމަށް ވަޙީދު ވިދާޅުވިއެވެ.

މި ކައުންސިލް ޒުވާނުންނާ ގުޅޭ ކަންކަން ނިންމުމުގައި މުހިންމު ދައުރެއް އަދާކުރާނެކަން ވަޒީރު އިބްރާހީމް ވަޙީދު ފާހަގަކުރެއްވިއެވެ.

"އެކި ކަންކަމާމެދު މަޝްވަރާކޮށް ކައުންސިލުން ނިންމާ ނިންމުންތައް އަޅުގަނޑު ކެބިނެޓަށް ހުށައަޅާނަން. އަދި އެކަންކަމާމެދު ކެބިނެޓުގައި މަޝްވަރާކުރެވޭނެ. ވީމާ ޒުވާނުންނާ ގުޅޭ ކަންކަން ނިންމުމުގައި މި ކައުންސިލްގެ ދައުރު ވަރަށް ބޮޑުވާނެ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޔޫތު ޕްރެޒިޑެންޝަލް ކައުންސިލްގެ ރިޔާސަތު ރައީސުލްޖުމްހޫރިއްޔާ ބަލަހައްޓަވާނެ ކަމަށެވެ. އަދި މި ކައުންސިލްގައި ހިމެނޭ ޒުވާނުންގެ ތަފްސީލް ވިދާޅުވެދެއްވަމުން ވަޒީރު ވިދާޅުވީ ކައުންސިލްގައި ހިމެނޭނީ ރައީސް އައްޔަންކުރައްވާ އަންހެން އަދި ފިރިހެން ބޭފުޅަކާއި ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން އައްޔަންކުރައްވާ 4 ބޭފުޅަކާއި ކުޅިވަރާ ބެހޭ ވުޒާރާއިން އައްޔަންކުރާ އެތުލީޓުންގެ ތެރެއިން ފިރިހެން އަދި އަންހެން ބޭފުޅެއްގެ އިތުރުން ޤައުމީ ޔުނިވާސިޓީގެ ސްޓޫޑެންޓް ކައުންސިލްގެ ރައީސް ކަމަށެވެ. އަދި އިސްލާމިކް ޔުނިވާސިޓީގެ ސްޓޫޑެންޓް ކައުންސިލްގެ ރައީސާއި އަމިއްލަ ކޮލެޖެއްގެ ސްޓޫޑެންޓް ކައުންސިލްގެ ރައީސް ވެސް ހިމެނޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ޤައުމީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، މަޝްވަރާއާއި ނިންމުންތައް ނިންމާއިރު ޒުވާނުން ދެކޭގޮތް ހާމަކުރެވޭނެ ގޮތް ފަހިކުރުމުގެ ގޮތުން "ޕްރެޑިޑެންޝަލް ޔޫތު އެޑްވައިޒަރސް" ނަމުގައި ކައުންސިލެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ޕްރެޑިޑެންޝަލް ޔޫތު އެޑްވައިޒަރސް ކައުންސިލްގައި ހިމެނުމަށް ދިވެހި ރައްޔިތެއް ކަމުގައި ވާންޖެހެއެވެ. އަދި އުމުރުން 18 އަހަރާއި 30 ދެމެދުގެ މީހެއް ކަމުގައިވުމާއި، ތަމްސީލުކުރާ ދާއިރާއާއި ގުޅޭ ފަންނީ ޤާބިލްކަން ނުވަތަ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވެސް ވާންޖެހެއެވެ. އަދި އެމީހަކީ ވޭތުވެ ދިޔަ 5 އަހަރުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައިވެގެން ނުވާނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.