ޚަބަރު

މާލެއާއި ހުޅުމާލޭގައި މިދިޔަ 2 މަހު އެކަނިވެސް 600 އެކްސިޑެންޓް


  • މިދިޔަ 2 މަހު މާލެއިން 450 އެކްސިޑެންޓްގެ މައްސަލަ ހުށައަޅާފައިވޭ

  • ހުޅުމާލެއިން ގާތްގަނޑަކަށް 150 އެކްސިޑެންޓްގެ މައްސަލަ ހުށައަޅާފައިވޭ

މާލެއާއި ހުޅުމާލެއިން ހިމެނޭހެން މިދިޔަ 2 މަހު އެކަނިވެސް 600 އެކްސިޑެންޓު ހިނގާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.

ފުލުހުން މިކަން ހާމަކުރެއްވީ އެޚިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލޭ އޭރިއާ 1ގެ ވިންގް ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ މިދިޔަ 2 މަސް ދުވަހުގެ ތެރޭ މާލެއިން އެކްސިޑެންޓުވެގެން 450 މައްސަލަ ހުށައަޅާފައިވާ ކަމަށެވެ.

ސަމީރު ވިދާޅުވީ ޢާންމުކޮށް އެކްސިޑެންޓް ހިނގަން މެދުވެރިވެފައިވަނީ ޤަވާއިދާ ޚިލާފަށް އޯވަރޓޭކްކުރުމާއި ބުރިޖާއި ހައިވޭގައި ޒިގްޒެގްކޮށް ދުއްވުންކަމަށެވެ. އަދި ބާރު ސްޕީޑުގައި ދުއްވުމަށް ކަނޑައަޅާފައިވާ ލޭން ނޫން އެހެން ލޭނަކުން ދުއްވުމުން އަނެކާއަށް ލިބޭ ސިހުމަކުން ވެސް އެކްސިޑެންޓުތައް ހިނގާފައިވާ ކަމަށާއި އޯވަރޓޭކްކުރާއިރު ފަރުވާކުޑަކުރުމާއި ތާރު އަޅާފައިވާ މަގުތަކުން ޔޫޓާން ނެގުމުގެ ސަބަބުން ވެސް އެކްސިޑެންޓް ހިނގާފައިވާކަން ފާހަގަކުރެވިފައިވާކަމަށް ސަމީރު ވިދާޅުވިއެވެ.

"ޤަވައިދާ ޚިލާފަށް އުޅަނދު މަގުގައި ޕާކުކޮށްފައި އޮތުމުން ދުއްވާ އުޅަނދަށް ފެންނަންވާ ވަރަށް މަގު ސާފުކޮށް ފެންނަން ނެތުމުގެ ސަބަބުން ވެސް އެކިސްޑެންޓް ހިނގަން މެދުވެރިވާކަން، ހިނގާފައިވާ އެކްސިޑެންޓުތަކުން ފާހަގަވޭ." ސަމީރު ވިދާޅުވިއެވެ.

ހުޅުމާލޭގައި ހިނގާފައިވާ އެކްސިޑެންޓުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުޢައިބު ވިދާޅުވީ ހުޅުމާލޭގައި ކަންބޮޑުވާ ދަރަޖައަށް އެކްސިޑެންޓް ހިނގާފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ ބޮޑެތި މަގުތައް ކަމަށްވާ ނިރޮޅު މަގާއި ހިތިގަސް މަގާއި ރީތިގަސް މަގުގައި އެކްސިޑެންޓު ހިނގާ މިންވަރު އިތުރުވެފައިވާކަމަށް ރަޖުނީ ޝުޢައިބު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މާލެ އޭރިއާ 2ގެ ޕޮލިސް ސްޓޭޝަނަށް ހުޅުމާލޭގެ ދެ ފިޔަވައްސާއި ހުޅުލެ ހިމެނޭހެން އެކްސިޑެންޓްގެ ގާތްގަނޑަކަށް 150 މައްސަލަ ހުށައަޅާފައިވާ ކަމަށެވެ. އަދި މައިގަނޑު ގޮތެއްގައި އެކްސިޑެންޓް ހިނގާފައިވާ ސަބަބެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ހިނގާބިގާވެ އުޅޭއިރު ސަމާލުނުވުމާއި ދުއްވާ ފަރާތްތަކުން މަގުމަތީގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުން ކަމަށެވެ. އަދި ޔޫޓާން ނެގުން މަނާ ތަންތަނުން ޔޫޓާން ނެގުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ދުއްވާއިރު މުޢާސަލާތީ ޚިދުމަތްތައް ބޭނުންކުރުމަކީ ވެސް އެކްސިޑެންޓު ހިނގާ ސަބަބުތައް ކަމުގައި ފާހަގަކުރެވިފައިވާކަން ރަޖުނީ ޝުޢައިބު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ރިޕޯޓުކޮށްފައިވާ އެސިޑެންޓުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައިވޭ. މީހުންނަށް ޖިސްމާނީ ބޮޑެތި އަނިޔާ ލިބި ފުރާނައަށް ނުރައްކާވާ ފަދަ އެކްސިޑެންޓްތައް ހިނގާފައިވުމުން މިހާރުވެސް ބައެއް މީހުންނަށް ހޮސްޕިޓަލުގައި އެޑްމިޓުކޮށް، ދަނީ ފަރުވާދެމުން." ރަޖުނީ ޝުޢައިބު ވިދާޅުވިއެވެ.

މީގެ އިތުރުން ރަޖުނީ ޝުޢައިބު ވަނީ ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމުގެ ގޮތުން ކުރަން ރާވާފައިވާ ކަންކަމާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. އެގޮތުން އެކްސިޑެންޓްތައް ޢާންމުކޮށް ހިނގާ ބައެއް ޕޮއިންޓުތަކުގައި ރޯޑް ޑިވައިޑަރ ޖެހުމާއި ޓްރެފިކް ކޮންޓްރޯލްކުރުމަށްޓަކައި ރައުންޑްބައުޓް ބެހެއްޓުމާއި ސްޕީޑް ބްރޭކަރުތައް ބެހެއްޓުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ވެސް ޝުޢައިބު ވިދާޅުވިއެވެ. އަދި މި މަސައްކަތް، ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަކަމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުޢައިބު ވިދާޅުވިއެވެ.

ޢާންމުންގެ ސަލަމަތާއި ރައްކާތެރިކަމަށް ބަލައިގެން ދުއްވުމަށާއި މަގުމަތީގެ ޤަވާއިދާ އެއްގޮތްވާނެހެން ދުއްވުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.