ޚަބަރު

ރާއްޖޭގައި ތިބި ބައެއް އިންޑިއާ ސިފައިން އަނބުރާ ގޮސްފި


  • ރާއްޖޭގައި ޤާއިމްކޮށްފައިވާ 3 އޭވިއޭޝަން ޕްލެޓްފޯމެއްގައި އިންޑިއާ ސިފައިން ތިބި

  • 1 އޭވިއޭޝަން ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން މިހާރު ވަނީ ފޮނުވާލާފައި

  • ބާކީ ތިބި އިންޑިއާ ސިފައިން 10 އޭޕްރީލް އަދި 10 މޭ ގައި އަނބުރާ ޤައުމަށްދާނެ

ރާއްޖޭގައި ޤާއިމްވެފައި ތިބި ބައެއް އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ގޮސްފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ އިންޑިއާއާއި ރާއްޖޭއާ ދެމެދު ކުރިއަށްދާ ސިލްސިލާ ހައި ލެވެލް ކޯ ގުރޫޕުގެ ތިން ވަނަ ބައްދަލުވުމާ ގުޅޭގޮތުން ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައެވެ.

ރާއްޖޭގައި ޤާއިމުކޮށްފައިވާ 3 އޭވިއޭޝަން ޕްލެޓްފޯމެއްގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަމުން ގޮސްފައިވެއެވެ. ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނުގައި ވިދާޅުވީ އޭވިއޭޝަން ޕްލެޓްފޯމްތަކުގެ ތެރެއިން 1 ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން މިހާރު އަނބުރާ ޤައުމަށް ގޮސްފައިވާކަމަށެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ ބާކީ އޮތް 2 އޭވިއޭޝަން ޕްލެޓްފޯމުތަކުގައި ތިބި އިންޑިއާ ސިފައިން އޭޕްރީލް މަހުގެ 10 ވަނަ ދުވަހާއި މޭ މަހުގެ 10 ވަނަ ދުވަހު އަނބުރާ ޤައުމަށް ދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

ހައި ލެވެލް ކޯ ގުރޫޕުގެ ބައްދަލުވުމާ ގުޅޭގޮތުން ޚާރިޖީ ވުޒާރާއިން ވިދާޅުވީ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ އިތުރުންވެސް ގިނަ ކަންކަމާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އެގޮތުން ދެ ޤައުމު ގުޅިގެން އިޤްތިޞާދީ އަދި ތަރައްޤީގެ ރޮނގުން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ދެ ޤައުމު ގުޅިގެން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކަމާއެކު ފަށާ ނިންމުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

ހައި ލެވެލް ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ މިދިޔަ ޖެނުއަރީމަހުގެ 14 ވަނަ ދުވަހު ރާއްޖޭގެ ޚާރިޖީ ވުޒާރާގައެވެ. އަދި ދެވަނަ ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ މަހުގެ 2 ވަނަ ދުވަހު އިންޑިއާގެ ނިއުދިއްލީގައެވެ.