ރިޕޯޓް

ކުރީގެ ދަރުމަވަންތަ ސްކޫލް އިމާރާތުގައި އައު ސްކޫލެއް އަޅަނީ


ކުރިން ދަރުމަވަންތަ ސްކޫލު ހިންގަމުން އައި އިމާރާތް ބާވެ ބައެއް ކްލާސް ރޫމްތަކުގެ ޝީޓްތައް ވެއްޓި ރެނދުލާ ހަލާކުވެފައިވުމުގެ ސަބަބުން އެ ކްލާސްތަކުގައި ކިޔަވާދިނުން ވަނީ ހުއްޓަވާލައްވާފައެވެ. އެ ސްކޫލުގައި ކިޔަވަމުންދިޔަ ކުދިންނަށް ސަރުކާރުން ވަނީ މިއަހަރު ވަގުތީ ސްކޫލެއް ވެލާނާގެ ކައިރީގައި އިމާރާތްކުރައްވާފައެވެ. އަދި މި ސްކޫލުގައި މިހާރު ދަނީ ކިޔަވައިދެއްވަމުންނެވެ. އެހެން ނަމަވެސް މި ސްކޫލަކީ ޖާގައިގެ ގޮތުން ބޮޑު ސްކޫލެއް ނޫނެވެ. އިތުރު ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް އެކަށީގެންވާ ވަރުގެ ޖާގައެއްވެސް މިސްކޫލުގައެއް ނެތެވެ. މި ސްކޫލުގައި ކިޔަވާ ކުދިންގެ އިތުރު ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް މިހާރު ބޭނުން ކުރަމުންދަނީ ކުރީގެ ދަރުމަވަންތަ ސްކޫލު ގޯތިތެރޭގައެވެ.

ކުރީގެ ދަރުމަވަންތަ ސްކޫލު އިމާރާތް ކުރެއްވުމަށްޓަކައި މި އަހަރުގެ ޖޫން މަހުގެ ފަހުން އެ އިމާރާތް ތަޅާލުމަށް ނިންމަވާފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ކުރީގެ ދަރުމަވަންތަ ސްކޫލް ތަޅާލުމަށްފަހު 2017 ވަނަ އަހަރު، އާ ސްކޫލެއް އެތަނުގައި އެޅުއްވުމުގެ މަސައްކަތް ކުރައްވާނެކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. ޕީ.އެސް.އެމްއަށް މަޢުލޫމާތުދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެކްޒެކެޓިވް އިބްރާހިމް އިސްމައިލް އަލީ ވިދާޅުވީ ދަރުމަވަންތަ ސްކޫލް އިމާރާތް ކުރުމަށްޓަކައި 2017 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނުއްވުމަށް ނިންމަވާާފައިވާ ކަމަށެވެ. img:http://s2.psmnews.mv/images/660x400/14616635635443.jpg|ދަރުމަވަންތަ ސްކޫލް ކުރިން ހިންގަމުން އައި އިމާރާތް - ފޮޓޯ: ޕީއެސްއެމް ނިއުސް

"ސީ.އެޗް.އެސް.ސީގެ ދަރިވަރުންގެ ތެރެއިން ބައެއް ކުދިންގެ ކިޔެވުން ދަނީ ކުރީގެ ދަރުމަވަންތަ ސްކޫލުގަ، މި ކުދިން ޖޫން މަހުގެ އޭލެވެލް އިމަތިހާން ނިމުމުން ސީ.އެޗް.އެސް.ސިއަށް އެނބުރި ބަދަލުވާނެ. ބަދަލުވުމުން ދަރުމަވަންތަ ސްކޫލް ހުސްވާނެ. ހުސްވުމުން އެތަން ތަޅާލުމުގެ މަސައްކަތް ކުރިޔަށްދާނެ" އިބްރާހިމް އިސްމައިލް އަލީ ވިދާޅުވިއެވެ.

މި ސްކޫލް އިމާރާތް ކުރެއްވުުމަށްޓަކައި ބޭނުުންވާ ކުރެހުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދާވާކަަށްވެސް އިބްރާހިމް އިސްމާޢީލް އަލީ ވިދާޅުވިއެވެ. އަލަށް އިމާރާތް ކުރައްވާ ދަރުމަވަންތަ ސްކޫލަކީ ދަރިވަރުންނަށް ފަސޭހަކަމާއެކު ތިބެނޭގޮތަށް އިތުރު ކުލާސްރޫމްތަކާއި ވަސީލަތްތަކާއެކު އިމާރާތް ކުރައްވާ ސްކޫލެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. 

"ދަރިވަރުންނަށް ލުއިފަސޭހަ ގޮތަކަށް ދަރިވަރުންނަށް ތިބެވޭނެ ގޮތަކަށް އިތުރު ކުލާސްރޫމްތަކާއި ފެސިލިޓީތައް ދެވޭ ގޮތައް މިތަން ފަރުމާކުރުމަށް ނިންމާފައިވަނީ، މި ސްކޫލްގައި ރަނގަޅު ފެންވަރެއްގެ ހޯލެއް ވެސް ހުންނާނެ" އިބްރާހިމް އިސްމައިލް ވިދާޅިވިއެވެ.

ދަރުމަވަންތަ ސްކޫލް ޢިމާރާތްކޮށް ނިމުމުން އެ ސްކޫލުގައި ކިޔަވާ ކުދިންނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާދެއްވައެވެ.