ޚަބަރު

މަޖިލިސް އިންތިޚާބުގެ އޮފިޝަލަކަށްވުމަށް މުއްދަތު އިތުރުކޮށްފި


  • އޮފިޝަލަކަށްވުމަށް ހުށައެޅޭނީ my.elections.gov.mv ޕޯޓަލް މެދުވެރިކޮށް

  • އަދިވެސް މާލެ ސަރަހައްދަށް 500 އަށްވުރެ ގިނަ އޮފިޝަލުން ބޭނުންވޭ

  • އަތޮޅުތެރެއަށް ހުރިހާ އޮފިޝަލުން ވަނީ ހަމަވެފައި

މަޖިލިސް އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލަކަށްވުމަށް އެދި ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

މަޖިލިސް އިންތިޚާބުގައި އޮފިޝަލަކަށްވުމަށް އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެފަހަރު މާރޗް 5އާއި ހަމައަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. މި ފުރުޞަތު އިތުރުކުރަމުން ގޮސް، އޮފިޝަލަކަށްވުމަށް ފޯމު ހުށައެޅުމުގެ ފުރުޞަތު މިހާރު މިވަނީ މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރާ ގޮތުގައި އަދިވެސް މާލެ ސަރަހައްދަށް 500 އަށްވުރެ ގިނަ އޮފިޝަލުން ބޭނުންވެއެވެ. އަދި އަތޮޅުތެރެއަށް ބޭނުންވާ މިންވަރަށް އޮފިޝަލުން ހަމަވެފައިވާކަމަށް ކޮމިޝަނުން ވިދާޅުވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އޮފިޝަލުންގެ އުޖޫރައިގެ އިތުރަށް ވޯޓުލާ ދުވަހު ކެއުމުގެ އެލަވަންސެއްގެ ގޮތުގައި 350 ރުފިޔާ އޮފިޝަލުންނަށް ލިބޭނެ ކަމަށެވެ.

އެލަވަންސްތަކާއެކު އޮފިޝަލުންނަށް ލިބޭނެ ޖުމްލަ އުޖޫރު:

• ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް -/2650ރ
• ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް -/2350ރ
• ވޯޓުލާ މަރުކަޒެއްގެ އޮފިޝަލަކަށް -/2250ރ
• ރިޒާވް އޮފިޝަލަކަށް -/1000ރ

އޮފިޝަލުންގެ ޝަރުތުތައް:

• އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން
• އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން
• އޮފިޝަލެއްގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން
• މިފަދަ މަސައްކަތަކަށް ޞިއްޙީ ގޮތުން ޤާބިލު މީހަކު ކަމުގައިވުން
• ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން
• ސްކޫލް ދަރިވަރަކަށް ނުވުން

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އޮފިޝަލަކަށް ވުމަށް އެދި ހުށައަޅަންޖެހޭ ފޯމު https://my.elections.gov.mv ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެ ކަމަށެވެ. އަދި މި ޕޯޓަލްއަށް ލޮގިން ވެވޭނީ އީ-ފާސް މެދުވެރިކޮށް ކަމަށާއި ޕޯޓަލްއަށް އަޕްލޯޑުކުރެވޭނީ ހަމައެކަނީ ޕީޑީއެފް ފައިލްކަމަށް ކޮމިޝަނުން މަޢުލޫމާތު ދެއްވައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވެވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ މަހުގެ 21 ވަނަ ދުވަހުއެވެ.