ޚަބަރު

މިފްކޯގެ ސީއީއޯ އާއި ޕީސީބީ އެސްއޯއީ ކޮމެޓީއަށް ހާޒިރުކުރަނީ


މޯލްޑިވްއިސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯ އަހުމަދު ޝަމާހް ރަޝީދު، ޕްރައިވެޓައިޒޭޝަން ކޮޕްރަޓައިޒޭޝަން ބޯޑު(ޕީސީބީ)އިން ސަސްޕެންޑް ކުރި މައްސަލާގައި އެކުންފުނީގެ ސީއީއޯ ޝަމާހް އާއި ޕީސީބީ އިސްވެރިން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

އެސްއޯއީ ކޮމެޓީއަށް މިފްކޯގެ ސީއީއޯ އަދި ޕީސީބީ ހާޒިރު ކުރަން ހުށަހެޅީ، ދާންދޫ ދައިރާގެ މެންބަރު ޔައުޤޫބް އަބްދުﷲ އެވެ. މިމައްސަލަ ހުށަހަޅައްވަމުން މެންބަރު ޔައުޤޫބް ވިދާޅުވީ މިމައްސަލާގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންދާ ކަމަށެވެ. އެހެން ކަމުން މައްސަލާގައި ކަން ހިނގާފައިވާ ގޮތް ސާފު ކުރަން ޖެހޭކަން މެންބަރު ޔައުޤޫބް ފާހަގަ ކުރެއްވިއެވެ.

މިގޮތުން ޒަމާނުއްސުރެ މިފްކޯއިން އެކްސްޕޯޓް ކުރާ މަސް ބޮޑުބައެއް ރިޖެކްޓްވާ މައްސަލަ މިމަހުގެ 31ގެ ނިޔަލަށް ހައްލުކޮށްދެއްވާނެ ކަމަށް ސީއީއޯ ޝަމާހް ކޮމެޓީގައި މީގެ ކުރިން ވިދާޅުވެފައިވާ ކަމަށެވެ. އަދި މިހާރު ޕީސީބީން ބަލަމުންދާ މައްސަލައާއި މިކަމާއި އެއްވެސް ގުޅުމެއް އޮތްތޯ ބަލާ އެކަން ޔަގީންކުރަން ޖެހޭ ކަމަށެވެ.

"
މިކަމުގައި ހަޤީޤަތެއް އޮތްތޯ ބަލަން އަޅުގަނޑު ބޭނުންވާތީ، އަޅުގަނޑު އެދެނީ މިކަންކަންމާއި ގުޅޭގޮތުން މައުލޫމާތު ސާފުކޮށް މިފްކޯގެ ސީއީއޯއާއި ޕީސީބީ އާއި ކަމާއި ގުޅުންހުރި ފަރާތްތައް މި ކޮމެޓީއަށް ހާޒިރުކޮށް އަޅުގަނޑުމެން އެކަންކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރަން ބައްދަލުވުންތަކެއް ބާއްވަން އަޅުގަނޑު އެދޭ ވާހަކަ ދަންނަވަން
ދާންދޫ ދައިރާގެ މެންބަރު ޔައުޤޫބް އަބްދުﷲ

މެންބަރު ޔައުޤޫބްގެ ހުށަހެޅުމަށް މާފަންނު މެދު ދައިރާގެ މެންބަރު އިބްރާހިމް ރަޝީދު ވަނީ ތާއިދުކޮށްފައެވެ. ހުށަހެޅުމަށް ތާއިދު ކުރައްވާ މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ރާއްޖެއިން ބޭރު ކުރާ މަސް ބޭރުކުރަނީ ރަނގަޅު ކޮލިޓީއެއްގައި ކަމަށްވާއިރު، މަސް ރިޖެކްޓްވެ މަސް ކުންފުންޏަށް ބޮޑެތި ގެއްލުން ޒަމާނުއްސުރެ ލިބެމުންދާ ކަމަށެވެ. މީގެ އިތުރުން ޕީސީބީން މިމައްސަލާގައި ޢަމަލުކުރަނީ މީގެ ކުރިން ކަންކަން ނުކުރާ ބީދައިން ފާހަގަކޮށް ޕީސީބީއާއި މިފްކޯގެ ސީއީއޯ ޝަމާހް ކޮމެޓީއަށް ހާޒިރު ކުރަން ޖެހޭ ކަމަށެވެ.

ކޮމެޓީގެ އެހެން މެންބަރުންވެސް ވަނީ މިމައްސަލަ ކުރިއަށް ގެންދިއުމަށް ތާއިދުކޮށްފައެވެ. އެހެން ކަމުން ކޮމެޓީގެ ނައިބު މުޤައްރިރު ފުވައްމުލަކު މެދުދާއިރާގެ މެންބަރު ހުސެއިން މުޙައްމަދު ދީދީ ވަނީ އެންމެ އަވަހަށް ދެން އޮންނަ ޖަލްސާއެއްގައި މައްސަލަ އެޖެންޑާކޮށްގެން ކުރިއަށް ގެންދަން ނިންމަވާފައެވެ.

ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތްތަކަމަށްވާ ޕީސީބީން ވަނީ މިފްކޯގެ ސީއީއޯ ޝަމާހް ރަޝީދު ހޯމަ ދުވަހު ދެ ހަފްތާގެ މުއްދަތަށް މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައެވެ.