ޚަބަރު

ކެބިނެޓް ކޮމިޓީއަކުން ހުއްދަ ދީގެން ވެލިނެގޭގޮތަށް ޤަވާޢިދު އިޞްލާހު ކޮށްފި


  • ހިމާޔަތް ކޮށްފައިވާ ސަރަހައްދުން ވެލި ނެގޭގޮތަށް އިސްލާހު ކުރީ 2014 ވަނަ އަހަރު

  • ސަރުކާރުން ވަނީ އިކޮނޮމިކް ކައުންސިލަށް ހުއްދަ ދޭވޭ ގޮތް ހަދާފައި

ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ވެލި ނެގުމުގެ ހުއްދަ ކެބިނެޓު ކޮމެޓީއަކަށްވެސް ދެވޭގޮތަށް ޤަވާއިދު އިސްލާހުކޮށްފިއެވެ.

"ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު" އަށް އިޞްލާހު ގެނައުމުގެ ބޭނުމަކީ ސަރުކާރު ހިންގުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ގޮތުން މިފަދަ ނިންމުންތައް ނިންމާ ވިލަރެސް ކުރުމަށް ރައީސުލްޖުމުހޫރިއްޔާ އުފައްދަވާފައިވާ ކައުންސިލްތަކަށްވެސް އެބާރު ދިނުމެވެ. އެގޮތުން ސަރުކާރުން އުފައްދާފައިވާ "އިކޮނޮމިކް ކައުންސިލް"ަށް މިބާރު ލިބިގެންވެއެވެ.

ނަމަވެސް މި އިޞްލާހާއެކު ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ވެލި ނެގޭގޮތަށް ސަރުކާރުން ޤަވާއިދަށް އިޞްލާހު ގެނެސްފައިވާކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާއި، ބެހޭ ވުޒާރާއިން ވިދާޅުވީ ޙިމާޔަތްކޮށްފައިވާ ސަރަޙާއްދުތަކުން ވެލި ނަގައިގެން ބިން ހިއްކޭ ގޮތަށް އިޞްލާހު ގެނެސްފައިވަނީ 2014 ވަނަ އަހަރުކަމަށެވެ.

ތިމާވެއްޓާއި ބެހޭ ވުޒަރާއިން ވިދާޅުވީ އަލަށް ގެނައި އިސްލާހަކީ ހަމައެކަނި ކުރިން ވަޒީރުންގެ މަޖިލީހަށް އެފަދަ ނިންމުން ނިންމޭގޮތަށް އޮތުމުގެ ބަދަލުގައި ވަޒީރުންގެ މަޖިލީހުގެ ކޮމެޓީއަކަށްވެސް އެކަން ނިންމޭ ގޮތަށް ގެނައި އިޞްލާހެއްކަމަށެވެ. ހިމާޔަތް ކޮށްފައިވާ ސަރަހައްދުގެ 200 މީޓަރަށް ވުރެ ކައިރިން ވެލި ނެގޭ ގޮތަށް ހަދައި އެ ޤަވާއިދަށް ފުރަތަމަ އިސްލާހު ގެނައީ 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އެ ޤަވާއިދުގައި ބުނާ ގޮތުން މިފަދަ ސަރަހައްދަކުން ވެލިނަގަން ހުއްދަ ދެވޭނީ އެތަނެއްގެ ހުރި ދިރުންތަކާއި ގުޅޭ ތަފްސީލު ދިރާސާއެއް ހެދުމަށް ފަހުއެވެ. އަދި ނެތިފަނާވެދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް އެހެން ސަރަހައްދަކަށް ބަދަލުކޮށް ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސަން ޖެހެއެވެ. އޭގެ ބަދަލުގައި އެވަރުގެ އެހެން ސަރަހައްދެއް ކަމާއި ގުޅޭ އިދާރާތަކުން ހިމާޔަތް ކުރުމަށް ކަނޑައަޅަން ޖެހޭ ކަމަށް ޤަވާއިދުގައި ބަޔާން ކުރެއެވެ.