ޚަބަރު

ރައީސުލްޖުމުހޫރިއްޔާގެ އިޤްތިޞާދީ ތަސައްވުރަށް އެމްޕީއެލް ސީއީއޯ ވަޖީހުގެ ތަޢުރީފް


ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ތަޞައްވުރަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމް ތަޢުރީފް ކުރައްވައިފިއެވެ.

ލ. އަތޮޅަށް ރައީސުލްޖުމުހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ފޮނަދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވަނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޢިއްޒުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ރާއްޖޭގެ މެރިޓައިމް ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެންނަވާނެ މަޝްރޫޢުތައް އިއުލާންކޮށްދެއްވާފައިވާ ކަމަށެވެ.

ވަޖީހު ވިދާޅުވީ ހުދު ދޮންވެލި ގޮނޑުދޮށްތަކަކާއި ޞަރަހައްދުގެ ގޮތުން ފައިދާކުރާ ޤައުމަކަށް ރާއްޖެ ވީނަމަވެސް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި މިހާތަނަށް ހިފާފައި ނުވާ ކަމަށް ވިދާޅުވެ ވަޖީޙުވަނީ މިފަހުން ރައީސަކު ރާއްޖޭގެ އިޤްތިޞާދާއި މެދު ވިސްނަވާފައި ނުވާ މިންވަރަށް ރައިސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިސްނަވާފާއިވާ ކަމަށް ޤަބޫލު ކުރެވޭކަމަށެވެ.

އަދި ރާއްޖޭގެ މެރިޓައިމް ދާއިރާއަށް އިންޤިލާބީ ބޮޑު ބަދަލެއް ރައީސް، ޑރ. މުހައްމަދު މުއިއްޒު ގެންނަވާނެ ކަމަށް ވިދާޅުވެ އެކަމާގުޅޭ ބައެއް މަޢުލޫމާތު އެމްޕީއެލްގެ ޙިއްސާކުރައްވާފައެވެ.

"ދިވެހި ރާއްޖެ ލޮކޭޓްވެފައިވާ އޭރިއާ. މި އޭރިއާއަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ރެއަކާއި ދުވާލު އެތައް ބިލިއަން ޑޮލަރެއްގެ ވިޔަފާރި ދައުރުވަމުންދާ އޭރިއާއެއް. އެކަމަކު މިހާހިސާބައް އައިއިރު މިކަމުގެ މަންފާ ދިވެހި ރާއްޖެއަށް ހޯއްދަވައި ދެއްވުނު އެއްވެސް ރައީސަކު ނެތް. އެހެންވީމަ އަޅުގަނޑު ޤާބޫލު ކުރަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒަކީ އިޤްtިޞާދީ މާހިރެއް ކަމަށް" ވަޖީހު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ އެމްޕީއެލް އާއި މެރިޓައިމް ދާއިރާގެ މުހިންމު 3 މަޝްރޫޢެއް ހަވާލުކޮށްފައެވެ. އެއީ މާލޭ ކޮމާޝަލް ހާބަރު ތިލަފުއްޓަށް ބަދަލު ކުރުމާއި، އިހަވަންދިއްޕޮޅުގައި ޕޯޓެއް ތަރައްޤީކޮށް ބަންކަރިން ޚިދުމަތް ފެށުމުގެ އިތުރުން، ގާދޫ މެރިޓައިމް ހަބް މަޝްރޫޢު ސީއީއޯ ފާހަގަ ކުރެއްވިއެވެ. މި ތިން މަޝްރޫޢުވެސް އެމްޕީއެލްއާއި ހަވާލުކޮށްފައިވާކަން ފާހަގަކޮށް ވަޖީހު ވިދާޅުވީ މި މަސައްކަތް ރައީސްގެ ސްޕީޑުގައި އެކުންފުނިން ނިންމަ ދޭނެ ކަމަށެވެ.