ޚަބަރު

އުމްރާނީ ތަރައްޤީއާ ގުޅިގެންހުރި ދަނބިދޫގައި ހުރި ކަންބޮޑުވުންތައް ކައުންސިލުން ރައީސާ ޙިއްސާކުރައްވައިފި


  • ދަނބިދޫ ކައުންސިލުން ވަނީ އުމްރާނީ ތަރައްޤީއާ ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސްއާއި ހިއްސާކުރައްވާފައި

  • ވަޒީރުން މެދުވެރިކުރައްވާ ރައްޔިތުންގެ ކަނބޮޑުވުންތަކަށް ޖަވާބު ރައީސް ޖަވާބު ދެއްވެވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ލ. ދަނބިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ދަނބިދޫ ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ދަނބިދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ފަށާފައިވާ މުހިންމު ބައެއް މަޝްރޫޢުތައް ހުއްޓިފައި ހުރުމުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައިވެއެވެ. އެގޮތުން ކައުންސިލުން ވަނީ ރަށުގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ މިސްކިތުގެ މަސައްކަތް ނުފެށި ލަސްވުމާއި ރަށުގެ އިޖްތިމާޢީ މަރުކަޒެއް ބިނާ ކުރުމާއި ރަށުގެ ބޮޑުމަގުގައި ތާރު އެޅުމުގެ މަސައްކަތް ފަދަ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ނަރުދަމާ ނިޒާމާއި ރަށު ބަނދަރުގެ ހާލަތުގެ އިތުރުން ރަށް ގިރުމާ ގުޅިގެން ދަނބިދޫއަށް ކުރިމަތިވަމުންދާ ދަތިކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށް، މިކަންކަން ހައްލުކުރުމަށް މަޝްވަރާކޮށްފައެވެ. މީގެ އިތުރުންވެސް ރަށު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދިމާވެފައިވާ ގޮންޖެހުންތައް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

މިއަދުގެ ބައްދަލުވުމުގައި ދަނބިދޫ އަންހެނުންގެ ކޮމެޓީން ވަނީ އެ ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރި ދަތިތައް ހިއްސާކޮށްފައިވެއެވެ.