ވިޔަފާރި

އިޤްތިޞާދުގައި ދައުރުވަމުންދިޔަ ކުރީގެ ނޫޓުގެ %77 ނޫޓު ނަގައިފި


ރާއްޖޭގެ އިޤްދިޞާދުގައި ދައުރުވާ ފައިސާގެ ތެރެއިން އޭޕްރިލްގެ ނިއަލަށް ދޭއް ޕޮއިންޓް ދޭއް ބިލިއަން ރުފިޔާގެ ކުރީގެ ނޫޓް ނަންގަވާފައިވާކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ހާމަކުރައްވައިފިއެވެ. މިއީ އިޤްތިޞާދުގައި ދައުރުވަމުން ދިޔަ ކުރީގެ ނޫޓުގެ 77 އިންސައްތައެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުން ފާހަގަކުރުމާ ގުޅުވައިގެން މަރުކަޒީ ބޭންކުން، ރަންދިހަފަހެއްގެ ނަމުގައި އައު ނޫޓުސީރީޒް ތަޢާރަފްކުރައްވައި، އިޤްތިޞާދުގައި ދައުރު ކުރަންފެށީ ޖެނުއަރީމަހުގެ 26 ވަނަދުވަހުއެވެ. އެދުވަހުން ފެށިގެން ވިޔަފާރީގެ މުޢާމަލާތުތަކުގައި އައު ނޫޓާއި ކުރީގެ ނޫޓް ބޭނުންކުރުމަށް، މެއި މަހުގެ ނިޔަލަށް އެމްއެމްއޭއިން ވަނީ ފުރުޞަތު ދެއްވާފައިއެވެ. އަދި ޖޫން މަހުގެ އެއްވަނަދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތަކަށް ކުރީގެ ނޫޓުތައް އެމްއެމްއޭއިން ބަދަލުކޮށްދެއްވާނެކަމަށް މަރުކަޒީ ބޭންކުން ހާމަކުރައްވައެވެ.

ވިޔަފާރީގައި ދެބާވަތުގެ ނޫޓުވެސް ބޭނުންކުރަން ދެއްވި 3 މަސްދުވަހުގެ ތެރޭގައި 2.2 ބިލިއަން ރުފިޔާގެ ކުރީގެ ނޫޓު އެމްއެމްއޭއިން ވަނީ އިޤްތިޞާދުގައި ދައުރުވަމުން އަންނަ ފައިސާގެ ތެރެއިން ނަންގަވާފައެވެ. ހަމައެއާއެކު މިމުއްދަތުގެ ތެރޭގައި 2.5 ބިލިއަން ރުފިޔާގެ އައު ނޫޓު އިޤްތިޞާދުގައި ދައުރުވަމުން އަންނަ ފައިސާގެ ތެރެއަށް ލައްވާފައިވާކަމަށް މަރުކަޒީ ބޭންކުން ވިދާޅުވެއެވެ. އެމްއެމްއޭއިން ވިދާޅުވީ މިއީ އިޤްތިޞާދުގައި މިހާރު ދައުރުވާ ފައިސާގެ 79 އިންސައްތަ ކަމަށެވެ.

ކުރީގެ ނޫޓުތަށް ވިޔަފާރީގައި ބޭނުންކުރުން ހުއްޓާލެއްވިނަމަވެސް ފަސްރުފިޔާގެ ކުރީގެ ނޫޓު ބޭނުންކުރުން ކުރިއެކޭ އެއްގޮތަށް ކުރިއަށްދާނެއެވެ. އެމްއެމްއޭއިން ކުރިން ހާމަކުރައްވާފައިވާ ފަދައިން ފަސްރުފިޔާގެ ކުރީގެ ނޫޓު ބޭނުންކުރުން ހުއްޓާލައްވާނީ އޭގެ ބަދަލުގައި ބޭނުންކުރާނެ ފަސްރުފިޔާގެ ފައިސާފޮތި ތަޢާރަފްކުރެއްވުމާއެކުއެވެ.

ރަންދިހަފަހެއް ތަޢާރަފްކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގަވަރނަރ އަޒީމާ އާދަމް ކުރިން ވިދާޅުވެފައިވަނީ، ފަސްރުފިޔާގެ ފައިސާ ނޫޓްގެ ބަދަލުގައި ބޭނުންކުރާނެ ފަސް ރުފިޔާގެ ފައިސާފޮތި މިއަހަރުގެ ފަހުކޮޅު ތައާރަފްކުރެވޭނެ ކަމަށެވެ.

ސަލާމަތީ ސިފަތަށް ވަރުގަދަކުރެއްވުމާއެކު ޒަމާނީ ފަރުމާއަކަށް ތައްޔާރުކުރައްވައި، ޕޮލިމާ ކަރުދާހަށް ޕްރިންޓްކުރައްވާފައިވާ ރަންދިހަފަހެއް ނޫޓުގެ 10 ރުފިޔާއާއި، 20 ރުފިޔާ އާއި،50 ރުފިޔާއާއި 100 ރުފިޔާ އާއި 500 ރުފިޔާގެ އިތުރުން ރާއްޖެއަށް އަލަށް ތަޢާރަފްކުރި 1000 ރުފިޔާގެ ނޫޓު ހިމެނެއެވެ.