ޚަބަރު

އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތް ފަށާނީވެސް މަދުވެގެން 40 ވަޒީފާއާއެކު: ސަޢީދު


  • އިހަވަންދިއްޕޮޅު ބަންކަރިންގެ ޚިދުމަތް ޖުލައި މަހު ފެށޭނެ

  • އުފެދޭ ވަޒީފާތަކަކީ ޚިދުމަތް ދޭ ކުންފުނީގެ ވަޒީފާތައް

  • ސަރުކާރުގެ އިދާރާތަކުން އިތުރު ވަޒީފާ އުފެދޭނެ

  • މިއީ އިހަވަންދިއްޕޮޅުގެ ރައްޔިތުން އެދިއެދިތިބި މަޝްރޫޢެއް

އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތް ޖުލައި މަހު ފަށައިގަންނާނީވެސް މަދުވެގެން 40 ވަޒީފާއާއެކުކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިހެން ވިދާޅުވީ ހއ. ތުރާކުނަށް މިއަދު ކުރެއްވި ޒިޔާރާތުގައި އެ ރަށު ރައްޔިތުންނާއި އެކު ބޭއްވެވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އިހަވަންދިއްޕޮޅު ބަންކަރިން ޚިދުމަތް ފަށަން މިހާރު މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށެވެ. އެގޮތުން ޓެކްނިކަލް މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ޖުލައި މަހު ޚިދުމަތް ފެށޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ހަމަ ޖުލައި މަހު ފަށްޓާނެ، ފަށްޓާއިރު ގާތްގަނޑަކަށް މިހާރުން މިހާރަށްވެސް 40 އަކަށް ވަޒީފާ އުފެއްދޭނެ، ފުރަތަމަ އޮޕަރޭޝަން ފަށާ ދުވަހުން ފެށިގެންވެސް. އެއީ ވަރަށް ބައިވަރު ވަޒީފާތަކެއް، ކޮންމެހެން ސަރުކާރުން އުފައްދާ ވަޒީފާއެއްވެސް ނޫން އެއީ. އެއަންނަ ކުންފުނިން އުފައްދާ ވަޒީފާތައް. ދެން އެއާއެކު ޚިދުމަތްތައް ދިނުމުގައި އެތައް ބައިވަރު ވަޒީފާތައް އުފެދިގެންދާނެ. " އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

މިއާއެކު މި ޚިދުމަތް ދޭން ފެށުމުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާއި، އެމްއެންޑީއެފް އަދި ކަސްޓަމްސް ޚިދުމަތުންވެސް އިތުރު ވަޒީފާތައް އުފެދިގެން ދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ދިނުމަށްޓަކައި ވިޓޯލް ބަންކާސްއާއެކު ޓާރމް ޝީޓުގައި ސަރުކާރުން މިހާރު ވަނީ ސޮއިކޮށްފައެވެ. ވިޓޯލް ބަންކާސްއަކީ ދުނިޔޭގެ މަޤުބޫލު މުދާ އުފުލާ އަދި ޝިޕިންގެ މަސައްކަތްތައް ކުރިއަށްދާ އެކި ސަރަޙައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ފަރާތެކެވެ. ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ މިހާރު ވަނީ ހިމަނާފައެވެ.

ބަންކަރިންގެ ޚިދުމަތް ދޭނީ 2 ފިޔަވައްސަކަށް ބަހާލައިގެންކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މީގެ ކުރިން ވަނީ ވިދާޅުވިއެވެ. ފުރަތަމަ ފިޔަވައްސަކީ އޮފް-ޕޯޓް ބަންކަރިންއެވެ. މި ޚިދުމަތް ދިނުމަށް ފިޒިކަލް އިންފްރާސްޓަރަކްޗަރ ބޭނުންނުވާނެއެވެ. ސަބަބަކީ ރާއްޖެއަކީ ޖަޒީރާ ވަށައިގެން ކަނޑު އޮތް ޤައުމަކަށް ވާތީއެވެ. ފުރަތަމަ ފިޔަވަހީގައި ބޯޓުތަކަށް ތެޔޮ އެޅުމުގެ ޚިދުމަތް ފޯރުކޮށްދޭނީ އަތޮޅުތަކަށް މަޑުކޮށްގެންނެވެ.

2 ވަނަ ފިޔަވަހީގައި ޕޯޓެއް ތަރައްޤީކުރުން ހިމެނެއެވެ. މި ޕޯޓު ތަރައްޤީކުރާނީ ބޭނުންވާނެ އެހެން ހުރިހާ ޚިދުމަތްތަކާއި އެކުގައިކަމަށް ސަޢީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖެއާއި އަވަށްޓެރި ބައެއް ޤައުމުތައް ކަމަށްވާ ސިންގަޕޫރާއި، ލަންކާގައިވެސް މި ޚިދުމަތް ދެމުންއަންނަކަމަށާއި ނަމަވެސް މި ޚިދުމަތް ދިނުމަށް އެންމެ ރަނގަޅު އެއް ސަރަޙައްދަކީ ރާއްޖެކަން ވަޒީރު ފާހަގަކުރެއްވިއެވެ. ސަބަބަކީ ރާއްޖެ އޮތް ސަރަޙައްދުގެ ގޮތުން މިއީ ގިނަ އަދަދަކަށް ބޯޓުފަހަރު ހުރަސްކުރާ ސަރަޙައްދަކަށް ވުމެވެ.

ވަޒީރު ވިދާޅުވީ، ރާއްޖެއަށް ބަންކަރިންގައި ރަނގަޅު މާކެޓެއް ހޯދިދާނެކަމަށް ޤަބޫލުކުރާކަމަށެވެ. އަދި ސަރުކާރުގެ އަމާޒު މިހާރު ހުރީ އެ ހިސާބަށް ދިއުމަށްކަން ވަނީ ފާހަގަކުރައްވާފައެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފަށަން ތައްޔާރުވެފައިވާއިރު، ސަރުކާރުން ވަނީ ލ. ގާދޫ ކައިރީގއިވެސް ބަންކަރިންގެ ޚިދުމަތާއެކު ކޮމާޝަލް ޕޯޓާއި ލޮޖިސްޓިކްސް ހިމެނޭ ގޮތަށް ކޮމާޝަލް ހާބަރެއް ހެދުމަށް ނިންމާފައެވެ. އެކަމަށްޓަކައި ހިންގާ ލ. އިންޓަގްރޭޓެޑް މެރިޓައިމް ހަބް މަޝްރޫޢު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން މިހާރު ވަނީ ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފައެވެ.