ޚަބަރު

އެމްޑީޕީއަށް މެޖޯރިޓީ ދީގެން ޒައްރެއްގެ މިންވަރުގެ ކުރިއެރުމެއްވެސް ހޯދައި ނުދެވުނު: ނައިބު ރައީސް


  • ހިނގަމުންދާ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ލިބުނު

  • ރައްޔިތުންގެ ފައިދާއަށް މަޖިލީހުން އެއްވެސް ކަމެއް ކޮށްދެއްވިފައި ނުވާކަމަށް

ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ދީގެން ރައްޔިތުންގެ ކުރިއެރުމާ ފައިދާއަށް ޒައްރެއްގެ މިންވަރުވެސް ހޯދައިދެވިފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

މާލޭ ސަރަހައްދުގައި ބޭއްވި މަޖިލީހުގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރައިސުލްޖުމޫހޫރިއްޔާއަކީ ރައްޔިތުންނަށް އިޚްލާސްތެރި އަދި ރައްޔިތުންނާއި ގުޅުންބާއްވާ ކެރޭ ބޭފުޅެއް ކަމަށެވެ. އަދި ރައްޔިތުންނާއި ގުޅުހުރި ކަންކަމުގައި ސަރުކާރުގެ ވަޒީރުންނަަށް ހުއްޓުމެއް ނެތި ރައީސް އިރުޝާދު ދެއްވަމުން ގެންދަވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ކެބިނެޓުގެ ވަޓްސް އެޕް ގުރޫޕުގައި ކޮންމެ ރެއަކު ތިނެއް ޖަހަން ދެން، ބަރާބަރަށް އިރުޝާދު ދެއްވަމުން ގެންދަވާ ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި އަވަސް ކޮށްދިނުމަށް. ހުއްޓުމެން ނެތި އެ އިރުޝާދުތައް ރެއާއި ދުވާލު ރައީސް ރިޔާސީ އިންތިޚާބުގެ ތެރޭގައި ވިދާޅުވިފަދައި 24 ގަޑިއިރު އިރުޝާދުތައް ހުއްޓުމެއް ނެތި ދެއްވަމުން ގެންދަވާ. އެހެން ކަމުން އެފަދަ ވެރިއަކަށް މަޖިލީސް މެޖޯރިޓީ ބޭނުންވޭ " ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ ކުރީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ދިނުމުން ރައްޔިތުންނަށް ޒައްރެއްގެ މިންވަރަށްވެސް ކުރިއެރުން ހޯދައި ނުދެނު ކަމަށް ވިދާޅުވެފައެވެ. އޭގެ ބަދަލުގައި ކުރަމުން އައިކަމަކީ ޤަރާރު ހުށަހެޅުމާއި ކުއްލި މައްސަލަ ހުށަހެޅުން ކަމަށާއި އަމިއްލަ ސަރުކާރު ޖަވާބުދާރީ ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ތަރައްޤީ ހޯދައިދެއްވުންކަމަށެވެ. އަދި ކެބިނެޓް ބޭނުން ކުރައްވައިގެން މި ވޭތުވެ ދިޔަ ދުވަސްތަކުގައި އެމަނިކުފާނު ހުންނެވީ ހުރިހާ ކަމަކަށް ތައްޔާރުވެވަޑައިގެން ކަމަށާއި، ހަމައެކަނި ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

އެގޮތުން ރައީސުލްޖުމުހޫރިއްޔާގެ ސްޕީޑުގައި ހުށަހަޅާ ބިލްތަކަށް ރަނގަޅު ބަހުސެއްކޮށް ރަނގަޅު ދިރާސާއަކާއެކު އެމަނިކުފާނު ބޭނުންވާ ގޮތަށް ބިލްތައް ފާސްކޮށްދޭނެ މަޖިލީހެއް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.