ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަމަށް އުނިކަމެއް ނާންނާނެ- ރައީސް


މިސަރުކާރުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް އުނިކަމެއް ނާންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ދ. މިދޫ ބިންހިއްކުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނަށް ތަހުނިޔާ ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރަކީ ނޫސްވެރިންނާއެކު އޮތް ސަރުކާރެއްކަމަށެވެ. އަދި ސަރުކާރުން ކުރައްވާ ކަންތައްތަކަށް ފަޑުކިޔުމަކީ މައްސަލައެއް ނޫންކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ގަސްތުގައި މީހުންގެ އަބުރު ކަތިލުމަށް ކުރާ މަސައްކަތްތަކަށް ފުރުޞަތު ނުދެއްވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.