ޚަބަރު

ރާއްޖޭގެ މިނިވަންކަމާއި ތަރައްޤީގައި އިންޑިއާގެ ދައުރު ބޮޑު: ޒަމީރު


  • އަބަދުވެސް އިންޑިއާއާއެކު ގާތްގުޅުމެއް އޮންނާނެކަމަށް ވަޒީރު ވިދާޅުވި

އިންޑިއާއަކީ ރާއްޖޭގެ މިނިވަންކަމަށާއި ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ޤައުމެއްކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަމީރު ވިދާޅުވީ ރާއްޖެއަކީ ފަގީރު ގައުމެއްގެ ގޮތުގައި އޮތް ހިސާބުން ފެށިގެން، ތަރައްގީ ވަމުން އަންނަ ގައުމަކަށް ބަދަލުވުމާއި ހަމައަށްވެސް ތަރައްގީގެ ހުރިހާ މަރުހަލާއެއްގައި އެންމެ ގާތުން އެހީތެރިވި އެއް ޤައުމަކީ އިންޑިއާކަމަށެވެ. އެގޮތުން ނޮވެމްބަރު 3ގެ އުދުވާނީ ހަމަލާގައިވެސް އިންޑިއާއިން ވަގުތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3ގައި ރާއްޖެ އައި ސިފައިންވެސް، އެއިރު ސަރުކާރުން އެދުމުން، އަނބުރާ ގައުމަށް ދިޔަކަމަށެވެ. އެހެންކަމުން، މިއީ އިންޑިއާ ސިފައިން ރާއްޖެ އިން ފޮނުވާލެވުނު ފުރަތަމަ ފަހަރަ ނޫންކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"އަދިވެސް ރާއްޖެއަށް ދިމާވާ ކަންކަމުގައި، އިންޑިއާ އިން ރާއްޖެއަށް އެހީތެރިކަން ލިބޭނެކަމާއި މެދު އެއްވެސް ޝައްކެއް ނުކުރަން، އަޅުގަނޑު ކުރި ދަތުރުގަ ވެސް ވަރަށް ހޫނު މަރުހަބާ އެއް ވިދާޅުވި އިންޑިއާއިން" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި އެގުޅުން ހީނަރުވާނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އެގޮތުގައި ދެމިއޮންނާނެކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެފައިވާއިރު ދެ ގައުމުގެ ދެމެދުގައި މިހާރުވެސް ދަނީ މަތީ ފަންތީގެ މަޝްވަރާތަކެއް ބާއްވަމުންނެވެ.