ޚަބަރު

މައުރަޒާއެކު ފަތުރުވެރިކަން މެދުވެރިކޮށް އުފެއްދުންތެރިންނަށް ފަހި ފުރުސަތުތަކެއް


  • ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓްގައި 22 ރަށަކުން ބައިވެރިވާނެ

  • އެއާޕޯޓުގައި އުފެއްދުންތެރިންނަށް ލިބޭ ޖާގަ ވަނީ އިތުރުކޮށްދީފައި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރުޒަރުގެ ތެރެއިން ފަތުރުވެރިކަން މެދުވެރިކޮށް އުފެއްދުންތެރީންނަށް މާކެޓު ހޯދުމުގެ މަސައްކަތް ކުރެވޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމްއިން ގެނެސްދޭ ޚާއްސަ ޕްރޮގްރާމުގައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން އުފެއްދުންތެރި އިޤްތިޞާދު ފުޅާކުރުމަށް ކުރާ މަސައްކަތް ހިއްސާކުރައްވާފައެވެ. މިފަހަރު އުފެއްދުތެރިކަމުގެ މަޢުރަޒުގައި ވިޒިޓަރ އިކޮނޮމީ ޑިސްޓްރިކްޓެއް ހުރިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މިކަމުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ރަށްރަށުގެ އަމިއްލަވަންތަކަން ދައްކުވައިދީ އެ ރަށްތަކަށް ރަށުގެ އުފެއްދުންތެރިކަން ދައްކާލުމަށް ފުރުސަތު ދިނުމެވެ.

"ރާއްޖޭގައި ވަރަށް ގިނަ ގެސްޓް ހައުސްތައް އެބަހުރި، ކޮންމެ ރަށެއް މާކެޓު ކުރަމުންވެސް އެބަދޭ. އެހެން ގެންދާއިރު އަޅުގަނޑުމެން މަޢުރަޒު މެދުވެރިކޮށް ފުރުސަތު މިދެނީ އެރަށެއް ޕްރޮމޯޓް ކުރުމަށް. އެރަށެއްގެ ޔުނީކް އައިޑެންޓިޓީ ސްޓޭޖް ކުރުމަށް. 22 ރަށަކުން އެބަ ބައިވެރިވޭ ޑިސްޓްރިކްޓުގެ ތެރޭގައި" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

އިޤްތިޞާދީ ވަޒީރު ވަނީ ވިޒިޓަރ އިކޮނޮމީ ކައުންސިލްއެއް ކެބިނެޓު ފެންވަރުގައި އުފައްދާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެކައުންސިލުގެ ބޭނުމަކީ ރަށްރަށުގެ ދިރިއުޅޭ ފަރާތްތަކާއެކު އިޤްތިޞާދީ ހަރަކާތްތައް މެދުވެރިކޮށް ރަށްރަށް ކުރިއެރުވުން ކުރިއެރުވުމުގައި ފަތުރުވެރިކަން އިސްދައުރެއް އަދާކުރާ ގޮތަށް މަސައްކަތްތައް ބައްޓަން ކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ސަޢީދު ވިދާޅުވީ 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ސަރުކާރުގެ އަމާޒަކީ މިކަމުގެ ތެރެއިން ނަފާ ހޯދުންކަން ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަމަށް ބަރޯސާވާ އިޤްތިޞާދެއް އޮތްއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ އަމިއްލަވަންތައް އުފެއްދުންތައް ފެންނަ ގޮތަށްވެސް މަގުފަހިކޮށްދެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން އެމްއޭސީއެލް ޓާމިނަލް ތެރޭގައި މިހާރު ހުރި އޮތެންޓިކް މޯލްޑިވްސް ޖާގަ ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންނެވި ގޮތަށް އިތުރު ކޮށްދެއްވާފައިވާކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

"މައުރަޒުގައި ބައިވެރިވުމުގެ އިތުތަރަށް ރާއްޖޭގައި ވަރަށް ގިނަ އުފެއްދުންތެރިން އުޅޭ ރިސޯޓުތަކަށް ސަޕްލައިކުރާ. ރިސޯޓުތަކުގައި ބައެއް ފަރާތްތަކުން އެބަހުރި ޝޮޕްތަކުގައި ދިވެހި އުފެއްދުންތައް ބަހައްޓާފައި ކުރިއާ ޚިލާފަށް. އެހެންވީމަ އެފަރާތްތަކަށް މިއަންނަ ގެސްޓްހައުސްތަކާއި ރިސޯޓުތައް އަދި އިންޓަނޭޝަނަލް މާކެޓަށް މިއެއްޗެހި ނެރެވޭނެ ގޮތަށް ފުރުސަތު ފަހިކޮށްދިނުން އެއީ ސަރުކާރުގެ އަމާޒަކީ" ވަޒީރު ސަޢިދު ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގައި އޮތެންޓިކް މޯލްޑިވްސްއަށް ހާއްސަކޮށްފައިވާ ޖާގަ މިހާރު ވަނީ 100 އަކަ މީޓަރަށް ބޮޑުކޮށްފައި ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގޮތުން ޓާމިނަލު ޕާސްޕޯޓް ކޮންޓްރޯލްއަށް ފަހު އެންމެ ޕްރައިމް އެއް ލޮކޭޝަން ރާއްޖޭގެ އުފެއްދުންތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައި ދެއްވާފައިވާ ކަމަށް އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި މިފަހަރު ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓުގެ އިތުރުން ޗައިނާ އިންޑިއާ އަދި ޔޫއޭއީގެ އެގްޒިބިޓަރުންނަށްވެސް ވަނީ ޖާގަ ދީފައެވެ. މިޤައުމުތަކުން މިފަހަރު މަޢުރަޒުގައި ދައްކާލާ އުފެއްދުންތަކަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އައު ފުރުސަތުތަކެއް ފަހިވާނެ އުފެއްދުންތަކެއްކަމަށް އިޤްތިޞާދީ ވަޒީރު ވިދާޅުވިއެވެ.